ބާސެލޯނާއާއި ރެއާލް މެޑްރިޑުން ތުރުކީ ލީގަށް ކުޅޭ ފެނަބާޗޭގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އަރްދާ ގުލާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފިއެވެ.

އުމުރުން 18 އަހަރުގެ ގުލާ ހޯދުމުގެ މަޝްވަރާ ކުރުމަށް ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓާ ޑެކޯ ވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުގައި ތުރުކީގެ ވެރިރަށް އިސްޓަންބުލްއަށް ޒިޔާރަތްކޮށްފައިއެވެ. މި ޚަބަރާއިއެކުު ބައެއް ރިޕޯޓްތައް ބުނާގޮތުގައި 2024 ވަނަ އަހަރުގައި ގުލާ ބާސެލޯނާއަށް ކުޅޭތަން ފެނިގެންދިއުން އެކަށީގެންވެއެވެ. ގުލާގެ ރިލީޒް ކްލޯޒްއަށް ހަމަޖެހިފައިވާ އަދަދުވެސް ކުޑަކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

ގުލާގެ ހުނަރު ފާހަގަވެގެން ރެއާލް މެޑްރިޑްގެ އެމިލިިއޯ ބުޓްރަގުއެނޯއާއި ރޮބާޓޯ ކާލޯސްވެސް ފެނަބާޗޭއާއި ވާހަކަދެއްކުމަށް އިސްޓަންބުލްއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

2025 ވަނަ އަހަރުގެ ނިޔަލަށް ހަމަވާ އެއްބަސްވުމެއްގައި ފެނަބާޗޭއާއިއެކު ސޮއިކޮށްފައިވާ ގުލާގެ ރިލީޒް ކްލޯޒްގެ ގޮތުގައި 17.5 މިލިއަން ޔޫރޯ (15 މިލިއަން ޕައުންޑް/19 މިލިއަން ޑޮލަރު) ކަނޑައަޅާފައިވެއެވެ. އޭނާގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އިތުރަށް ޔޫރަޕްގެ އެންމެ މޮޅެތި ކްލަބްތަކުން ބޭނުންވެއެވެ. އޭގެ ތެރޭގައި ޖަރުމަންގެ ބަޔާން މިއުނިކާއި ޕްރިމިއާ ލީގު ކްލަބް އާސެނަލްވެސް ހިމެނެއެވެ.

ބާސާގެ ރައީސް ލަޕޯރޓާ އެ ކްލަބުގެ ޙާލަތު ހަމައަކަށް އަޅުވަން މަސައްކަތްކުރިޔަސް، އެ ކްލަބްގެ މާލީ ޙާލަތު އެންމެ ރަނގަޅު ހިސާބެއްގައި ނެތުމުން، ގުލާ ހޯދުމުގެ ރޭހުން ރެއާލް މެޑްރިޑަށް ކުރި ލިބޭނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.

ޔޫރޯ 2024 ކޮލިފައިން މެޗްތަކުގައި ތުރުކީގެ ގައުމީ ޓީމަށް 2 މެޗްއިން މޮޅު ހޯދާދިނުމުގައި އެހީތެރިވި ގުލާ ވަނީ އެންމެ ފަހު ސީޒަނުގައި ފެނަބާޗޭގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުމެއް ދައްކާފައިއެވެ. އޭގެ ސަބަބުން ކުޅިވަރުގެ ބައެއް ރިޕޯޓްތަކުގައި "ތުރުކީ މެސީ" ގެ ނަން އޭނާއަށް ނިސްބަތްކޮށްފައިއެވެ.