ތުރުކީއަށް ނިސްބަތްވާ ލެސްޓާ ސިޓީއަށް ކުޅެމުންދާ ފުޓްބޯޅަ ކުޅުންތެރިޔާ ޖާގްލާ ސޮޔުންކޫ ހިލޭ ޓްރާންސްފާއެެއްގައި އެތްލެޓިކޯ މެޑްރިޑްގެ ޑިފެންސް ލައިނަށް ބަދަލުވެއްޖެއެވެ.

ސޮޔުންކޫ އެތްލެޓިކޯ މެޑްރިޑަށް ކުޅުމަށް ހަމަޖެހިފައިވަނީ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، އޭނާއާއި އެތްލެޓިކޯ މެޑްރިޑާއި ދެމެދު ހަދާފައިވާ އެއްބަސްވުން 2027 ގެ ނިޔަލަށް ދެމިއޮންނާނެއެވެ.

އުމުރުން 27 އަހަރުގެ ސޮޔުންކޫ ލެސްޓާ ސިޓީ ދޫކޮށްލީ ޖޫން މަހު އޭނާގެ ކޮންޓްރެކްޓް ހަމަވެފައިވުމުގެ އިތުރަށް ޗެމްޕިއަންޝިޕްގައި ޓީމް ރެލިގޭޓްވުމާއި ގުޅިގެންނެވެ.

ޖަރުމަނުގެ ފްރެއިބާގުން 2018 ވަނަ އަހަރު 19 މިލިއަން ޕައުންޑަށް ލެސްޓާ ސިޓީއާއި ގުޅުމަށް ފަހު ސެންޓަރ ބެކްއެއްގެ ގޮތުގައި އޭނާ ވަނީ 2021 ވަނަ އަހަރު އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދިނުމުގައި ކްލަބަށް އެހީތެރިވެފައިއެވެ.

ލެސްޓާގެ ކުރީގެ ކޯޗް ބްރެންޑަން ރޮޖާސްގެ ކޯޗްކަމުގައި އޭނާއަށް އެކަށީގެންވާ މިންވަރަކަށް ކުޅުމުގެ ފުރުޞަތުތައް ނުލިބުނަސް، އިންޓެރިމް ކޯޗް ޑީން ސްމިތް ޓީމާއި ހަވާލުވުމުން ސޮޔުންކޫއަށް ފުރުޞަތުތައް އިތުރުކޮށްދިނެވެ. އެހެން ނަމަވެސް، އެހާ ހިސާބުން ސޮޔުންކޫ ހުރީ މެޑްރިޑަށް ބަދަލުވުމުގެ ޚިޔާލުގައި ކަމަށް ރިޕޯޓްތައް ފާހަގަކުރިއެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސީޒަންގެ އެންމެ ފަހު ތިން މެޗްގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް ގެއްލުނު އިރު، ލެސްޓާ އޮތީ ޕްރިމިއާ ލީގު ތާވަލުގެ 18 ވަނައިގައެވެ.

ރެލިގޭޓް ވެފައިވާ ކްލަބެއްގައި ހުރެގެން ލަ ލީގާގެ އެންމެ އުހުގައި ހިމެނޭ އެއް ކްލަބް ކަމުގައިވާ އެތްލެޓިކޯ މެޑްރިޑާއި ގުޅުމުގެ ފުރުޞަތު ސޮޔުންކޫއަށް ލިބުމުން އޭނާގެ ބައެއް ސަޕޯޓަރުން ވަނީ އެކަމާއި ހައިރާންކަން ފާޅުކޮށްފައިއެވެެ.