ސްވިޒަލޭންޑަށް ނިސްބަތްވާ އާސެނަލް އަށް ކުޅެމުންދާ މިޑްފިލްޑާ ގްރެނިޓް ޝާކާ ބަޔާ ލެވަކޫސަންއަށް ސޮއިކޮށްފިއެވެ.

ޖަރުމަންގެ ލެވަކޫސަންއިން އޭނާގެ ސޮއި ހޯދާފައިވަނީ 21.4 މިލިއަން ޕައުންޑަށެވެ. އުމުރުން 30 އަހަރުގެ ޝާކާ ބުންޑަސްލީގާއަށް ކުޅޭ ލެވަކޫސަންއާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަކީ 5 އަހަރެވެ.

2016 ވަނަ އަހަރުގައި އާސެނަލްއާއި ގުޅުނު ޝާކާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އަދި އެބައޮތެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުގައި އެއް މަހުގެ މުއްދަތަކަށް އެ ކްލަބްގެ ކެޕްޓަންކަންކުރި ޖަކާ އިޙްތިޔާރުކުރީ ހޫނު މޫސުމުގައި އެ ކްލަބް ދޫކޮށްލާށެވެ.

އާސެނަލްއިން މިހާރު މަސައްކަތް ކުރަމުންދަނީ ރެކޯޑް ޑީލްއެއް ހަދައިގެން އިންގްލޭންޑްގެ މިޑް ފިލްޑާ ޑެކްލަން ރައިސް އެ ކްލަބަށް ގެނައުމަށެވެ.

އާސެނަލްއަށް ކުޅުނު 297 މެޗުގައި 23 ގޯލް ކާމިޔާބުކޮށްދިން ޝާކާ ވަނީ އެ ޓީމަށް ދެ ފަހަރެއްގެ މަތިން އެފްއޭ ކަޕް ކާމިޔާބުކޮށް، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ރަނަރަޕްކަން ހޯދައިދީފައެވެ.

ސީޒަންގެ އެންމެ ފަހު މެޗްގައި ވޮލްވްސްއާއި ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ވަނީ ސަބްސްޓިޓިއުޓްވުމުގެ ކުރިން 2 ލަނޑު ޖަހާދީ، އާސެނަލްއަށް ކާމިޔާބީ ހޯދާދީފައިއެވެ.

އޮކްޓޫބަރު 2019 ގައި ކުޅުނު މެޗްއެއްގެ ފަހުން އާސެނަލްގެ ސަޕޯޓަރުންނާއި އެކީ ހިނގި ހޫނު ކުރިމަތިލުމަކަށްފަހު، ޖަކާ ވަނީ އެ ކްލަބް ދޫކޮށްލަން ގާތްވެފައިވާ ކަމަށް ބުނެފައިއެވެ. ނަތިޖާއެއްގެ ގޮތުން، އޭރުގެ ކޯޗް އުނާއީ އެމެރީ ވަނީ އޭނާ އަތުން ކެޕްޓަން އާމް ބޭންޑް އަތުލާފައިއެވެ.

މީގެ ކުރިން ޖަކާ ވަނީ ބުންޑެސްލީގާގައި ހަތަރު އަހަރު ވަންދެން ބޮރޫޝިއާ މޮންޗެންގްލަޑްބާހް އަށް ކުޅެފައިއެވެ.