ޕްރިމިއާ ލީގު ކްލަބު، ނިއުކާސަލް ޔުނައިޓެޑުން ލެސްޓާ ސިޓީގެ ވިންގާ ހާވީ ބާންސް އަށް ފާރަލާން ފަށާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 25 އަހަރުގެ ބާންސް ބޭނުން ވަނީ ނިއުކާސަލް އަށް ބަދަލުވާށެވެ. އޭނާ ނިއުކާސަލް އަށް ބަދަލުވާ އެއް ސަބަބަކީ ލެސްޓާ ސިޓީ ޕްރިމިއާ ލީގުން ރެލިގޭޓްވުމެވެ. އެކަމަކު، ބާންސް ބޭނުން ނަމަ، ނިއުކާސަލް އިން 40 މިލިއަން ޕައުންޑް ދޭން ޖެހޭނެއެވެ.

ނިއުކާސަލްގެ އިތުރުން ވެސްޓްހަމް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ބާންސް އަށް ޝައުގުވެރިވެއެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަން ކަން އެއް ފަހަރު ހޯދާފައިވާ ލެސްޓާ ރެލިގޭޓްވުމާ ގުޅިގެން އެ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިން ވަނީ ދާން ފަށައިފައެވެ. އެގޮތުން ލެސްޓާގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ވަނީ 40 މިލިއަން ޕައުންޑްގެ އަގެއްގައި ޓޮޓެންހަމް އަށް ބަދަލުވެފައެވެ. އަދި މިޑްފީލްޑަރު ޔޫރީ ޓިއެލަމަންސް ވަނީ ފްރީ ޓްރާންސްފާއެއްގައި އެސްޓަން ވިލާ އަށް ބަދަލުވެފައެވެ.

ލެސްޓާ ސިޓީ އެކަޑަމީން އުފެދުނު އިންގްލެންޑްގެ ބާންސް ލެސްޓާގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2016 ގައެވެ. އޭނާ ވަނީ ލެސްޓާ އަށް 187 މެޗު ކުޅެދީ 45 ގޯލް ޖަހައިފައެވެ.

ނިއުކާސަލް އިން ވަނީ އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އޭސީ މިލާނަށް ކުޅެމުން ދިޔަ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީގެ ސޮއި ހޯދައިފައެވެ. އޭނާ ގަތުމަށް ނިއުކާސަލް އިން 55 މިލިއަން ޕައުންޑް ހޭދަކުރިއެވެ. ބާންސް ހޯދަން ނިއުކާސަލް އިން 25 މިލިއަން ޕައުންޑް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.