މަޑަގަސްކަރައިގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ގެ ގައުމީ ސްކޮޑް އިއުލާން ކޮށްފިއެވެ.

ޖުމުލަ 12 ކުޅުންތެރިންގެ ސްކޮޑެއް ޓީޓީ އެސޯސިއޭޝަނުން އިއުލާނު ކޮށްފައިވާ އިރު، ޓީޓީއަކީ 2019 ވަނަ އަހަރުގެ އައިއޯއައިޖީގައިވެސް އެންމެ ކާމިޔާބު ކުޅިވަރެވެ. އެ އަހަރު މޮރިޝަސްގައި އަންހެން ޓީމުން ވަނީ ތިން ރަން މެޑެލް އަދި ދެ ރިހި މެޑަލް ހޯދައިފައެވެ.

މިފަހަރު އައިއޯއައިޖީއަށް އެކުލަވައިލި އަންހެން ޓީމުގައި މިދިޔަ އަހަރު މެޑަލް ހޯދި ތިން ކުޅުންތެރިޔަކު ވަނީ ހިމަނައިފައެވެ. އެގޮތުން ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ޖުމާނާ ނިމާލް ޓީމުން ފާހަގަވެއެވެ. ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ އިސްމާއިލް އަދި އާމިނަތު ޝީއުރާ ޝަރީފެވެ.

މުބާރާތަށް ނެގި ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލާއި މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމާއި އަޚްޔާރު އަހުމަދާއި އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން ޓީޓީ އެތުލީޓުންގެ ތަމްރީނުތައް ވަނީ ކްރޮއޭޝިއާ އާއި އިންޑިއާގައި ކުރިއަށް ގެންގޮސްފައެވެ.

އެތުލީޓުންގެ އިތުރުން ރާއްޖޭގެ ދެ އަމްޕަޔަރުން ވެސް އައިއޯއައިޖީގެ މުބާރާތްތަކުގައި އިންސާފު ކުރާނެ އެވެ. އެއީ މުހައްމަދު ޔާމީނާއި އައްޒާމް އިބްރާހިމެވެ.

ޓީޓީ ޓީމުގެ އިތުރުން އައިއޯއައިޖީ ގައި ބައިވެރިވާ ގައުމީ ބެޑްމިންޓަން ޓީމުން ވަނީ މުބާރާތަށްް ތައްޔާރު ވުމުގެ ގޮތުން މޮރިޝަސްގައި ކުރިއަށް ގެންދާ މޮރިޝަސް ޗެލެންޖުގައި ވާދަކުރުމަށް އިއްޔެ ފުރާފައެވެ.