އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މިހާރު ކުރިއަށްދާ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓްގައި އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ރަން މެޑަލް ދިފާއުކުރިއިރު، އައިޝަތު ރަފާ ނިޒާމް އާއި މުޙައްމަދު ޝައްފާން އިސްމާއިލް ރިހި މެޑަލް ހާސިލްކޮށްފިއެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި މިއަދު ކުޅުނު ޓީޓީ އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ ދެ ކުޅުންތެރިން ބައްދަލުކުރި ފައިނަލްގައި ދީމާ ވަނީ ރަފާގެ މައްޗަށް 4-2 ސެޓުން ކުރިހޯދާފައެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު 11-2 އިން ގެންދިޔައީ ރަފާ އެވެ. ނަމަވެސް، ދެން ޖެހިގެންއައި ތިން ސެޓު 14-12، 11-09، އަދި 11-07 އިން ކާމިޔާބުކޮށް ދީމާ ވަނީ ބޮޑު ލީޑެއްނަގައިފައެވެ.

އޭގެފަހުން، ދެން ކުޅެވުނު ފަސްވަނަ ސެޓު 11-08 އިން ގެންގޮސް ރަފާ ވަނީ ފަރަގު ކުޑަކޮށްފައެވެ. އެއަށްފަހު ދެން ކުޅެވުނު ހަވަނަ ސެޓުގައި 11-08 އިން ކުރިހޯދައި، ދީމާ ވަނީ އެންމެ ފަހުގެ އައިއޯއައިޖީގައި އޭނާ ހޯދި ރަން މެޑަލް ދިފާއުކޮށްފައެވެ.

ޓީޓީގެ ފިރިހެން ސިންގަލްސް އިވެންޓްގެ ރިހި މެޑެއްޔާއެކު ރާއްޖޭގެ ޝައްފާން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އިސްމާއިލް ތޯރިގް / އެމްއޯސީ

މިއީ މި ފަހަރުގެ ގޭމްސްގައި ދީމާ ހާސިލްކުރި ތިން ވަނަ ރަން މެޑެއްޔެވެ. މިއަދު ހޯދީ ސިންގަލްސް ރަން މެޑަލްގެ އިތުރުން މީގެކުރީން އޭނާ ވަނީ އަންހެން ޑަބަލްސް އަދި އަންހެން ޓީމް އިވެންޓްގެ ރަން މެޑަލް ހޯދާފައެވެ. މީގެއިތުރުން، ދީމާ ވަނީ މިކްސް ޑަބަލްސް އިވެންޓްގެ ލޯ މެޑަލް ހޯދާފައެވެ.

މިއަދުގެ އަންހެން ސިންގަލްސް ފައިނަލްގައި ބަލިވި ރަފާ ވަނީ މި ފަހަރުގެ އައިއޯއައިޖީގައި ތިން ރަން މެޑަލް ހޯދައިފައެވެ. އެއީ، ދީމާ އާއެކު ހޯދީ އަންހެން ޑަބަލްސް ރަން މެޑައްޔާއި، ޓީމް އިވެންޓްގެ ރަން މެޑަލްގެ އިތުރުން މޫސާ މުންސިފް އާއެކު ހޯދީ މިކްސް ޑަބަލްސްގެ ރަން މެޑެއްޔެވެ. ދެން ރަފާ އަށް ލިބިފައިވަނީ މިއަދުގެ ފައިނަލުން ބަލިވުމުން ލިބުނި ރިހި މެޑަލް އެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ރާއްޖޭގެ ޝައްފާން ވަނީ މަޑަގަސްކަރަގެ ނަޓިވެލް ޖޮނަތަން އަތުން 4-2 ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް މަޑަގަސްކަރައިގެ ކުޅުންތެރިޔާ ގެންދިޔައީ، 11-06، 11-08، 11-05، 11-13، އާއި 09-11، އަދި 06-11 އިންނެވެ.