އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެތުލެޓިކްސްގެ 4 ގުނަ 100 މީޓަރު ދުވުމުގެ އަންހެން ޓީމް ރިލޭގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީޚުގައި އަންހެން ރިލޭ ޓީމަކުން ހާސިލްކުރި ދެވަނަ މެޑަލް އެވެ. މީގެކުރީން، 4 ގުނަ 100 މީޓަރު ދުވުމުގެ ރިލޭ ގައި އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މިިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ވާދަކުރި އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭ އިވެންޓުން ރާއްޖެ އަށް މެޑަލް ހޯދައިދިން އަންހެން ޓީމުގައި ހިމެނެނީ؛ އައިޝަތު ހިމްނާ ހަސަން، ހައްވާ މުޒްނާ ފާއިޒް، އާމިނަތު ލަޔާނާ މުޙައްމަދު އަދި ޒީވާ މޫސާ ޝަފީޢު އެވެ.

މި އިވެންޓްގެ ފައިނަލްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ރޭސް ނިންމީ 3:52.99 ސިކުންތުންނެވެ. އެއްވަނަ ހޯދީ 3:45.78 ސިކުންތުން ރޭސް ނިންމައިގެން މަޑަގަސްކަރަ އެވެ. ދެވަނަ އަށް ދިޔައީ 3:52.76 ސިކުންތުން ރޭސް ނިންމައިގެން މޮރީޝަސް އެވެ. ރާއްޖެ ތިންވަނަ އަށް ދިޔައީ ރީޔޫނިއަން އާއި ސީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އެތުލެޓިކްސްގެ 800 މީޓަރު ދުވުމުގެ ފައިނަލްގައި ރާއްޖޭގެ ހުސައިން ރިޒާ (މ) ދުވަނީ. --ފޮޓޯ: ސުއާދު އަބްދުއްސައްތާރު / އެމްއޯސީ

މިއަދު ކުރިއަށްދިޔަ އެތުލެޓިކްސްގެ އެހެން އިވެންޓްތަކުގެ ނަތީޖާ އަށް ބަލާއިރު، 800 މީޓަރު ދުވުމުގެ ފިރިހެނުންގެ ފައިނަލްގައި ވާދަކޮށް ހުސައިން ރިޒާ ރޭސް ނިންމީ 1:54.30 ސިކުންތުންނެވެ. މި ރޭހުގައި ވާދަކުރި ރާއްޖޭގެ ދިގު ދުވުމުގެ އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ، ހުސައިން ފަޒީލް ހާރޫން ދިޔައީ ހަވަނަ އަށެވެ. ފަޒީލް ރޭސް ނިންމީ 1:56.12 ސިކުންތުންނެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ ފަސުހާ އަހުމަދު އަށް ރޭސް ނިންމުނީ ނުވަ ވަނައިގައެވެ. އޭނާ ރޭސް ނިންމީ 2:27.89 ސިކުންތުންނެވެ.

މިފަހަރުގެ އައިއޯއައިޖީގައި އެތުލެޓިކްސް ޓީމުން ހޯދީ މެޑަލްތަކަށް ބަލާއިރު، 4 ގުނަ 400 މީޓަރު ދުވުމުގައި މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދިއެވެ. މިކްސް ރިލޭ ޓީމުގައި ހިމެނެނީ؛ ހަސަން ސާއިދު، ހިމްނާ، ޒިވާ އަދި ރިޒާ އެވެ.

އެތުލެޓިކްސްގެ 4 ގުނަ 100 މީޓަރު ދުވުމުގައި އަންހެން ރިލޭ ޓީމުން ވެސް ލޯ މެޑަލް ހޯދިއެވެ. މި ޓީމުގައި ހިމެނެނީ؛ ހިމްނާ، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިން އެވެ. މީގެއިތުރުން، ރާއްޖޭގެ ޕެރަ އެތުލީޓުން ކަމަށްވާ، އަބްދުއްރައްޒާގު އަބްދުއްސަމަދު އާއި ފާތިމަތު އިބްރާހިމް ވަނީ އެ ދެ އެތުލީޓުން ދުވި އިވެންޓުން ލޯ މެޑަލް ހާސިލްކޮށްފައެވެ.