އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ޖާގަ ހޯދައިފިއެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރަ ގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ބެޑްމިންޓަން ޑަބަލްސް ފައިނަލުން ނަބާ އާއި ނަބީ ޖާގަ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލްގައި މޮރީޝަސްގެ ވިލީނާ އަޕިއާ އާއި ޓިޔާ ބުރުތުންގެ ޕެއާ ބަލިކޮށްގެންނެވެ. މީގެއިތުރުން، ނަބާ ވަނީ މިއަދު ކުޅުނު އަންހެން ސިންގަލްސް ސެމީ ކާމިޔާބުކޮށް، އެ އިވެންޓްގެ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ.

މިއަދުގެ ސެމީގައި މޮރީޝަސްގެ ޕެއާ އަތުން ނަބާ އާއި ނަބީގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނަބާ އާއި ނަބީގެ ޕެއާ ކާމިޔާބުކުރީ 21-11، 21-16 އިންނެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސް ސެމީގައި ނަބާ ވަނީ މޮރީޝަސްގެ ލޯނާ ބޮދާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 21-08، 21-11 އިންނެވެ.

ރާއްޖޭގެ ނިބާލް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރާއިފް ޔޫސުފް / އެމްއޯސީ

މި އިވެންޓްގެ އަނެއް ސެމީގައި ނަބީ ވަނީ މޮރީޝަސްގެ ޖެސިކާ ލުޑިކް އަތުން 2-1 ސެޓުން ބަލިވެ، ފައިނަލަށް ނުގޮސް ކަޓައިފައެވެ. މި މެޗުގެ ސެޓުތައް ޖެސިކާ ގެންދިޔައީ 13-21، 21-14، އަދި 21-18 އިންނެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީގައި ރާއްޖޭން ވާދަކުރި އަހުމަދު ނިބާލް ވަނީ މޮރީޝަސްގެ ޖޫލިއަން ޕޯލް އަތުން 13-21، 08-21 އިން ބަލިވެފައެވެ.

މިކްސް ޑަބަލްސް އިވެންޓްގައި ސެމީގައި ރާއްޖޭގެ އެއްވަނަ ޕެއާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ނަބާ ވަނީ މޮރީޝަސްގެ ޖޫލިއަން ޕޯލް އާއި ޖެސިކާ ލުޑިކްގެ ޕެއާ އަތުން 18-21، 16-21 އިން ބަލިވެފައެވެ.

ބެޑްމިންޓަން ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ސިންގަލްސް ފައިނަލްގައި ނަބާ ނިކުންނާނީ މޮރީޝަސްގެ ޖެސިކާ ލުޑިކްއާ ދެކޮޅަށެވެ. އަދި އަންހެން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ނަބާ އާއި ނަބީގެ ޕެއާ ބައްދަލުކުރާނީ މޮރީޝަސްގެ ލޯނާ ބޮދާ އާއި ކޮބީޓާ ޑޫކީގެ ޕެއާ އާ އެވެ.