އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އެތުލެޓިކްސްގެ 4 ގުނަ 100 މީޓަރު ދުވުމުގެ އަންހެން ޓީމް ރިލޭގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީޚުގައި އަންހެން ރިލޭ ޓީމުން ހާސިލްކުރި ފުރަތަމަ މެޑަލް އެވެ.

މިިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ވާދަކުރި އެތުލެޓިކްސްގެ 4 ގުނަ 100 މީޓަރު ދުވުމުގެ ރިލޭ އިވެންޓުން ރާއްޖެ އަށް މެޑަލް ހޯދައިދިން އަންހެން ޓީމުގައި ހިމެނެނީ؛ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިން އެވެ.

މި އިވެންޓްގެ ފައިނަލްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ރޭސް ނިންމީ 47.03 ސިކުންތުންނެވެ. އެއްވަނަ ހޯދީ 44.82 ސިކުންތުން ރޭސް ނިންމައިގެން މަޑަގަސްކަރަ އެވެ. ދެވަނަ އަށް ދިޔައީ 46.56 ސިކުންތުން ރޭސް ނިންމައިގެން މޮރީޝަސް އެވެ. ރާއްޖެ ތިންވަނަ އަށް ދިޔައީ ރީޔޫނިއަން އާއި ސީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އިއްޔެ ކުރިއަށްދިޔަ އެތުލެޓިކްސްގެ އެހެން އިވެންޓްތަކުގެ ނަތީޖާ އަށް ބަލާއިރު، 200 މީޓަރު ދުވުމުގެ ފިރިހެނުންގެ ފައިނަލްގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ރޭސް ނިންމީ 21.58 ސިކުންތުންނެވެ. އޭނާ އަށް ލީބުނީ ރޭހުގެ ފަސްވަނަ އެވެ. މި ރޭހުގައި ވާދަކުރި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ، މުޙައްމަދު މިންހާލް ޝާމިން ދިޔައީ އަށްވަނަ އަށެވެ. އޭނާ ރޭސް ނިންމީ 22.55 ސިކުންތުންނެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ އާމިނަތު ލަޔާނާ މުޙައްމަދު އަށް ރޭސް ނިންމުނީ އަށް ވަނައިގައެވެ. އޭނާ ރޭސް ނިންމީ 26.30 ސިކުންތުންނެވެ.

މިފަހަރުގެ އައިއޯއައިޖީގައި އެތުލެޓިކްސް ޓީމުން ހޯދީ މެޑަލްތަކަށް ބަލާއިރު، 4 ގުނަ 400 މީޓަރު ދުވުމުގައި މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދިއެވެ. މިކްސް ރިލޭ ޓީމުގައި ހިމެނެނީ؛ ސާއިދު، ހިމްނާ، ޒިވާ މޫސާ ޝަފީއު އަދި ހުސައިން ރިޒާ އެވެ. މީގެއިތުރުން، ރާއްޖޭގެ ޕެރަ އެތުލީޓުން ކަމަށްވާ، އަބްދުއްރައްޒާގު އަބްދުއްސަމަދު އާއި ފާތިމަތު އިބްރާހިމް ވަނީ އެ ދެ އެތުލީޓުން ދުވި އިވެންޓުން ލޯ މެޑަލް ހާސިލްކޮށްފައެވެ.