އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރީ-ސިޒަން މުބާރާތެއް ކަމަށްވާ ޕްރިމިއާ ލީގު ސަމަރ ސީރީސްގައި ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މި މެޗް އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއައިންނެވެ.

މެޗް ފެށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޓީމު ކުރިއަށް ޖައްސައިގެން ކުޅެމުން އައީ ޗެލްސީ އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގައިފައެވެ. މިއީ ފޯވާޑް ނިކޮލަސް ޖެކްސަން ކާމިޔާބުކޮށްދިން ގޯލެކެވެ. ފޯރިގަދަ ކުޅުމަކަށްފަހު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައި ނިއުކާސަލްގެ މިގުއެލް އަލްމިރޯންގެ ލަނޑާއެކު ނަތީޖާ ވަނީ އެއްވަރުވެފައެވެ.

ދެވަނަ ހާފުގައި ނިއުކާސަލުން ގިނަ ކައުންޓާ އެޓޭކްތަކެއް ކުރިނަމަވެސް ޗެލްސީން ވަނީ ރަނގަޅަށް ޑިފެންސް ކޮށްފައެވެ. ދެވަނަ ހާފުގައި ނިއުކާސަލުން އުފެއްދި ގިނަ ހަމަލާތައް ޗެލްސީގެ ކީޕަރު އަރިޒަބަލަގަ ވަނީ މަތަކޮށްފައެވެ.

އެމެރިކާގެ ޓުއާއަށް ޗެލްސީން ވަނީ 29 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނިއޯ ބުނީ ސީޒަން ފެށެން ވާއިރަށް އުނދަގޫވިނަމަވެސް، ޗެލްސީގެ ސްކޮޑުން ބައެއް ކުޅުންތެރިން އުނިކުރަންޖެހޭ ކަމަށެވެ.

ޕްރިމިއަ ލީގުގެ ފުރަތަމަ މެޗުގައި އަންނަ މަހު 13 ވަނަ ދުވަހު ޗެލްސީ ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.