ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް އިން ދެކުނު އެފްރިކާ 2-0 އިން ބަލިކޮށްފިއެވެ.

ނެދަލެންޑްސް އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭވާ ހިފަަހައްޓާލަން ޖެހުނު އެތައް ފަހަރެއް ދިޔައެވެ.

މެޗުގެ ނުވަ ވަނަ މިނެޓުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިލް ރޫޑް ވަނީ ފުރަތަމަ ގޯލު ޖަހައިފައެވެ. އަދި ދެވަނަ ގޯލު ޖަހައި ދިނީ ފޯވާޑު ލިނެތު ބީރެންސްޓީންއެވެ. ޖިލް ރޫޑް އަކީ މެންޗެސްޓާ ސިޓީގެ މެދުތެރެ ބަލަހައްޓަމުން އަންނަ ކުޅުންތެރިއެކެވެ. އަދި ލިނެތު ބީރެންސްޓީއަކީ ޔުވެންޓަސްގެ ފޯވާޑެކެވެ.

މެޗުގައި ނެދަލެންޑްސް އިން 14 ހަމަލާ ފޮނުވާލި އިރު ދެކުނު އެފްރިކާ އިން ވަނީ 13 ހަމަލާ ފޮނުވާލައިފައެވެ. ގޯލަށް އަމާޒު ކުރި ހަމަލާތަކަށް ބަލާއިރު ނެދަލެންޑްސް އިން ހަ ހަމަލާ އަދި ދެކުނު އެފްރިކާ އިން ހަތް ހަމަލާ ވަނީ އަމަޒުކޮށްފައެވެ.

މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެގެން ކުޅެފައި ވަނީ ނެދަލެންޑްސްއެވެ.

މި މެޗު ކުޅުނީ އޮސްޓްރޭލިއާގެ ސިޑްނީ ފުޓްބޯޅަ ސްޓޭޑިއުމަގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނެދަލޭންޑްސްގެ ކުޅުންތެރިޔާ ޖިލް ރޫޑްއެވެ. ނެދަލެންޑްސް ކުއާޓާ ފައިނަލްގައި ބައްދަލު ކުރާނީ ސްޕެއިންއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.