އަންހެނުންގެ ވޯލްޑްކަޕުގައި ގަދަ 16 އަށް ދަތުރު ކުރިފަހުން ފޯރިގަދަ މެޗަކަށްފަހު ސުވިޑެންއިން ޕެނަލްޓީ ޖަހައިގެން އެމެރިކާ ބަލިކޮށް، އަންހެން ފުޓްބޯޅައިގައި އެމެރިކާ އިން ދަމަހައްޓަމުން އައި ރަސްކަން ނިމުމަކަށް ގެނެސްފިއެވެ.

ވުމެންސް ވޯލްޑްކަޕުން އެމެރިކާ ކަޓާފައިވަނި ދެޓީމުންވެސް ގޯލެއް ނުޖެހި މެޗު ނިމިގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްއަކުންނެވެ. ނަމަވެެސް މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހަށްޓައިގެން ޓީމު ކުރިޔަށް ޖައްސަިގެން ކުޅެފައިވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން ވަނީ ގިނަ ކައުންޓާ އެޓޭކް ތަކުގައި ގޯލު ޖަހަން މަސައްކަތް ކޮށްފައެވެ. އެގޮތުނ މެޗުގައި މުޅިއެކު އެމެރިކާ އިން ސުވިޑެން ކޮޅަށް 22 ހަމަލާ އުފައްދާފައިވެއެވެ.

ވުމެންސް ވޯލްޑްކަޕުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމަކީ އެމެރިކާ އެވެ. އެމެރިކާ އިން ވަނީ މީގެ ކުރިން ދެފަހަރަށް ވުމެންސް ވޯލްޑްކަޕުގެ ތަށި އުފުއްލާލައިފައެވެ. އަދި މީގެ ކުުރިން ފަހުގެ ތާރީހުގައި ވޯލްޑް ކަޕުގައި ގަދަ 16 ޓީމުގެ ތެރެއިން ކަޓާފައެއް ނުވެއެވެ. އެމެރިކާ އިން ވަނީ މީގެ ކުރީގެ މުބާރާތް ތަކުގައި ސެމީ ފައިނަލްއިން ޖާގަ ޔަގީން ކޮށްފައެވެ.

އެމެރިކާ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރުވެސް ލަނޑެއް ކާމިޔާބުކުރަން އުނދަގޫވި މައިގަނޑު ސަބަބަކީ ސުވިޑެން ޓީމުގެ ކީޕާ ޒެކީރާ މުޒޮވިޗް އެވެ. ހަމައެއާއިކު ސުއިޑެންގެ ޑިފެންސް ވަނީ މެންޓަލީ އަދި ފިޒިކަލީ މި މެޗަށް ތައްޔާރުވެފަކަން މެޗުން ފާހަގަވެގެން ދިޔައެވެ. ސުއިޑެންއިންވެސް ވަނީ އެމެރިކާ ކޮޅަށް 9 ހަމަލާ ފޮނުވާލައިފައެވެ. ނަމަވެެސް ލަނޑެއް ކާމިޔާބުވެފައެއް ނުވެއެވެ.

އެމެރިކާ ވަނީ ފުރަތަމަ ތިން ޕެނަލްޓީ ގޯލުގެތެރެއަށް ފޮނުވާލައިފައެވެ. ސުވިޑެންއިން ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު ދެން ޖެހި ދެ ޕެނަލްޓީ ވަނީ ކީޕަރު ދިފާއުކޮށްފައެވެ. އެމެރިކާ ހަތަރުވަނަ ޕެނަލްޓީ އަދި ފަސް ވަނަ ޕެނަލްޓީ ވަނީ ގޯލުގެ ދާގަޑަށް ފޮނުވާނުލެވިފައެވެ. ސުވިޑެންއިން ދެން ޖެހި ތިން ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު އެމެރިކާ އެންމެ ފަހުން ޖެހި ދެ ޕެނަލްޓީގެ ތެރެއިން އެކަތި އަމާޒުނުވުމާއިއެކު ސުއިޑެންއިން މި މެޗު ކާމިޔާބުކުރީއެވެ. އަދި އެމެރިކާގެ ވަރުގަދަ ޓީމު ގަދަ 16އިން ކެޓީއެވެ.