ސްވީޑަންގައި ޤުރުއާން އަންދާ މައްސަލައިގައި އެ ގައުމުގެ ރަށްވެހިކަން އޮންނަ އިރާގުގެ އަންހެނަކު އޭނާގެ ސްވީޑަން ޕާސްޕޯޓް އަންދާލައިފި lއެވެ.

އިރާގުގެ ބްލޮގަރެއް ކަމަށްވާ އަޝްކީ ނާޒް ބުނީ ސްވީޑަންއަށް ވުރެ ގުރުއާނަކީ މާ މާތް އަދި އަގުހުރި އެއްޗެއް ކަމަށެވެ.

އަދި އެ ގައުމުގައި ތަކުރާރުކޮށް ގުރުއާން އަންދާއިރު އެކަން ކުރަނީ ސީދާ ސްވީޑަންގެ ސަރުކާރުގެ އެއްބާރުލުން ލުމާއި އަދި ހުއްދައާއެކު ކަމަށާއި އަދި އެހެންވެ ސްވީޑަންގެ ޕާސްޕޯޓް އަންދާލަން ބޭނުންވީ ކަމަށެވެ.

އަޝްކީ ބުނީ ޕާސްޕޯޓް އަންދާލި އިރު އެ ޕާސްޕޯޓް އޮތީ މުއްދަތުވެސް ހަމަވެފައިވާ ކަމަށާއި އެކަން ކުރީ ގައުމުން ބޭރުގައި ކަމަށެވެ.

އަދި ދުވަހަކުވެސް ސްވީޑަންއަށް ދެން ނުދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ މިދިޔަ އީދު ދުވަހު ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

އުމުރުން 37 އަހަރުގެ ސަލްވަންއަކީ ކުރިން މުސްލިމެކެވެ. އަދި އޭނާ ވަނީ އިރާގުން ސްވީޑަންއަށް ހިޖުރަކޮށް ސްވީޑަންގެ ރައްޔިތުކަން ހޯދައިފައެވެ.

އޭގެ ފަހުން އިރާނުގެ އަންހެނަކު ވެސް ވަނީ ސްވީޑަންގެ ސަރުކާރުގެ ހުއްދަ ލިބިގެން، ގުރުއާން އަންދާލައިފައެވެ.

ޤުރުއާން އަންދާ މައްސަލައިގައި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އަދި އެ މައްސަލައިގައި ސްވީޑަންގެ އެމްބެސެޑަރުން ވެސް އިސްލާމީ ގައުމުތަކުން ވެސް ބޭރުކޮށްފައި ވެއެވެ.

ސަލްވަން އަމަލުގެ ސަބަބުން ސްވިޑެންގެ ގައުމީ ސަލާމަތައް ވެސް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.