ސްވިޑެން ޖަޕާން ބަލިކޮށް ސެމީއަށް ދަތުރު ކޮށްފިއެވެ.

ނިއު ޒީލެންޑްގެ އައުކްލޭންޑް ސްޓޭޑިއަމްގައި ކުޅެވުނު ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލްސް މެޗްގައި ސްވިޑެން އަދި ޖަޕާން ކުޅުނު އިރު ދެ ޓީމުން ވެސް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކޮއްފައިވަނީ ސްވިޑެންއިންއެވެ، މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފަހަތައްް ކުޅެމުންދާ އަމަންޑާ ލެސްޓެޑްޓްގެ ރީތި ލަނޑަކުންނެވެ. ދެ ޓީމުންވެސް ވަރަށް އެއްވަރު ކުޅުމެއް ދައްކަމުންދިޔައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0ގެ ނަތީޖާއިން ސްވިޑެން ކުރީގަ އޮވެގެނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށި ސްއިޑެން އިން އިތުރަށް ލީޑް ފުޅާކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޖަޕާން އިން ވަނީ ފަހަތުގައި ރާވާލައިގެން ހަމަލާތަކަށް ހުރަސްއަޅާފައެވެ. މެޗްގެ 51 ވަނަ މިނެޓުގައި ޖަޕާންގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ސްވިޑެންއަށް ވަނީ ޕެނަލްޓީއެއް ލިބިފަައެވެ. މި ޕެނަލްޓީ ކުރިޔަށް ފޮނުވާލާފައިވަނީ ސްވިޑެންގެ މެދުތެރެއަށް ކުޅެމުންދާ އުމުރުން 26 އަހަރުގެ ފިލިޕާ އެންޖެލްޑަލްއެވެ.

ޖަޕާންގެ ޓީމުން އިތުރަށް ކުރިއަށް ޖައްސައިލައިގެން ކުޅުމަށް ވަނީ މަޖުބޫރުވެފައެވެ. މެޗްގެ 75 ވަނަ މިނެޓުގައި ޖަޕާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ޕެނަލްޓީ ގޯލަށް އަމާޒު ކުރެވޭ ގޮތެއް ނުވިއެވެ.

ޖަޕާނުން ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔަނަމަވެސް ސްވިޑެންއިން ފަހަތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންދިޔައެވެ. މެޗްގެ 87 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ލަނޑެއް ކާމިޔާބު ކޮއްފައެވެ. މި ލަނޑު ކާމިޔާބުކޮށް ދިނީ ޖަޕާންގެ އުމުރުން 25 އަހަރުގެ ހޮނޮކަ ހަޔަޝިއެވެ. ދެވަނަ ހާފް ނިމިގެން ދިޔައީ 2-1ގެ ނަތީޖާއިން ސްވިޑެން މޮޅުވެގެނެވެ.

ސްވިޑެން 15 އޮގަސްޓްގައި ސެމީ ފައިނަލްގައި ކުޅުމަށް ހަމަޖެހިފައިވަނީ ސްޕެއިން އާ ދެކޮޅަށެވެ.