ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރީގެ ފޯވަޑް ތިއަރީ އޮންރީ އަށް ދީފިއެވެ.

ފްރާންސްގެ ފެޑަރޭޝަނުން ބުނީ އޮންރީ އަށް ކޯޗުކަންދިނީ ފްރާންސްގެ ކުރީގެ ވަރަށް ގިނަ ކުޅުންތެރިންގެ ސީވީ ދިރާސާކުރުމަށްފަހު ކަމަށެވެ.

ފްރާންސަށް 1998 ގެ ވޯލްޑް ކަޕް ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ ފްރާންސްގެ ޒުވާން ޓީމާ ގުޅުމަކީ ޓީމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ފްރާންސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އާސެނަލް އަދި ބާސެލޯނާ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިދިން އޮންރީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 123 މެޗުން 51 ގޯލު ޖަހައި ދީފައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން 21 އަހަރުން ދަށުގެ ކޯޗު ނަމަވެސް އަންނަ އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރާނީ އޮންރީއެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ދެ އަހަރު ދުވަހަށް އޮންރީ އަށް ކޯޗުކަން ދިނުމުގެ މައިގަނޑު ސަބަބަކީ ވެސް މި މުބާރާތަށް ތައްޔާރުވުން ކަމަށެވެ. އޮންރީގެ ކުރިން ފްރާންސް ޓީމުގެ ކޯޗުކަމުގައި ހުރީ ސުލްވިއަން ރިޕޯލީ އެވެ.

އުމުރުން 46 އަހަރުގެ އޮންރީ މީގެ ކުރިން ކޯޗިން ދާއިރާއިން ފެނުނީ ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށާއި ފްރާންސްގެ މޮނާކޯ އާއި މޮންޓްރިއަލްގައެވެ.

މީގެ އިތުރުން 2025 ވަނަ އަހަރު ބާއްވާ 21 އަހަރުން ދަށުގެ ޔޫރޯ އަށް ތައްޔާރުވުމަށް ޓީމު ތައްޔާރުކުރާނީ ވެސް އޮންރީއެވެ.

އޮންރީ ވަނީ މީގެކުރިން އިނގިރޭސި ވިލާތުގެ ޓީވީ ޗެނަލްތަކުގައި ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. ދެހާސް އަށާރައިގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމްއަށް ތިން ވަނަ ހޯދައިދިނުމުގައި، ކޯޗް ރޮބާޓޯ މާޓިނޭޒަށް އެހީތެރިއެއްގެ ގޮތުގައި އޮންރީ ވަނީ މަސައްކަތް ކޮށްފައެވެ.