ޅޮހީ ޕީސް ކުލަބުގެ ފަރާތުން އިސްނަގައިގެން ބާއްވާ ޕީސީ ސޮކާ ކަޕްގައި އެކްސީޑުން ކުޅުނު ދެވަނަ މެޗުގައި އެފްސީ ނަރުކަނޑާ ބަލިކޮށް، އުންމީދު އާކޮށްފިއެވެ.

އިއްޔެ ކުޅުނު މެޗު އެކްސީޑުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި އެކްސީޑުން ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެފައި އޮތުމުން އިއްޔެގެ މެޗަކީ މުހިއްމު މެޗެކެވެ. އަދި ނަރުކަނޑާއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން އިއްޔެގެ މެޗުން މޮޅުވުމުން ފައިނަލްގެ ޖާގައަކަށް ފުރުސަތު ބޮޑުވެފައި އޮތުމުން، މެޗު ފެނިގެންދިޔައީ ފޯރިގަދަކޮށެވެ.

އިއްޔެގެ މެޗުގައި އެކްސީޑުގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށްވެސް ހޮވުނު ހަސަން ޔާސިރެވެ. އެޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ކާމިލެވެ. މެޗުގައި ނަރުކަނޑާއިން ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މުނާޒާއި މުހައްމަދު އިމާދެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ފައިނަލްގެ ޖާގައެއް ހޯދާފައިވާ ޓީމަކީ ބޯއީޒްއެވެ. ފައިނަލްގެ އަނެއް ޖާގަ ޔަގީން ވާނީ ލީގު ބުރު ނިމުމުންނެވެ.

ޕީސް ކްލަބުގެ ފަރާތުން ބާއްވާ ޕީސީ ކަޕް ޅޮހީގައި ބާއްވަނީ ޅޮއްސަކީ ހުނަރުވެރި ކުޅުންތެރިން އުފެދޭނެ ރަށަކަށް ހެދުމުގެ އިތުރަށް ޒުވާނުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމުގެ މަގުސަދުގައި ކަމަށް މުބާރާތް އިންތިޒާމުކުރާ ފީސް ކުލަބުން ބުނެފައިވެއެވެ.

ޅޮހީ ޕީސް ކުލަބަކީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކި މުބާރާތްތަށް ބާއްވަމުން އަންނަ ކުލަބެކެވެ. އެގޮތުން ފާއިތުވި ތިން އަހަރު ވަނީ ކާމިޔާބު ކަމާއި އެކު ތިން ވޮލީ މުބާރާތް ކުރިއަށް ގެންގޮސްފައެވެ.

ޕީސީ ސޮކާ ކަޕްގެ މެއިން ސްޕޮންސަރަކީ ޅޮހީ ކައުންސިލްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އޭވީއީ، ނޯތް ރީފްއެވެ. އަދި އިތުރު ސްޕޮންސަަރުންގެ ތެރޭގައި ހިމެނެނީ އެކްސީޑް، ރިއަލް އިންވެސްޓްމެންޓް، އަރޯމާ ކެފޭ، ނިއު ވިއު މަނަދޫއެވެ. މި މުބާރާތުގެ ޑިޒައިން ޕާޓްނަރަކީ ޑިޒައިނާސްއެެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު އެމްވީ" އެވެ،

މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. ވާދަކުރާނީ ބޯއީޒްއާއި އެފްސީ ނަރުކަނޑާއެވެ.