އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕުގެ ކޮލިފައިން ފަހު މެޗުގައި ކިރްގިސްތާން އަތުން ބަލިވެ، ރާއްޖޭގެ ގައުމީ ފުޓުސަލް ޓީމު ކޮލިފައިން އިން އަލްވަދާއު ކިޔައިފިއެވެ.

ކިރްގިސްތާންގެ ބިޝްކެކުގައި ކުރިއަށްދާ ކޮލިފައިންގައި އެ ޤައުމާ ދެކޮޅަށް ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 8-3 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިން ރާއްޖޭން ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލި ވެގެންނެވެ. ތިން މެޗުން ބަލިވިނަމަވެސް ޓީމުގެ ފަރާތުން ވަނީ އުއްމީދީ ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މެޗު ފަށައިގެން ރާއްޖެ ޓީމުން އައީ ރަނގަޅު ޕާސްތަކެއް ޖަހާ އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ކިރްގިސްތާނުން ލީޑު ނެގި ނަމަވެސް، ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އަލީ ޝާފިއު (ޝާއްޕެ) ވަނީ ލަނޑެއް ޖަހައި ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިރްގިސްތާނުން ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކިރްގިސްތާނުން އިތުރު ދެ ލަނޑު ޖަހާފައި ވަނިކޮށް، ރާއްޖޭގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހާއްޕެއެވެ. މިއީ ކިރިގިސްތާނު ކުޅުންތެރިއަކު ގަސްތުގައި ބޯޅައިގަ އަތް ލުމުން ދެއްކި ރަތް ކާޑާއެކު ލިބުނު ޕެނަލްޓީން ހާއްޕެ ޖެހި ލަނޑެކެވެ. ކިރްގިސްތާނުން އެ ޓީމުގެ ހަވަނަ ލަނޑު ޖަހާފައިވަނިކޮށް، ދެވަނަ ހާފުގެ 11 ވަނަ މިނިޓުގައި ހާއްޕެ ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ކިރްގިސްތާނުން ވަނީ އިތުރު ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ.

ތިން މެޗު ނިމުނު އިރު ހާއްޕެވަނީ ތިން މެޗުގައި ޖުމްލަ ހަތަރު ލަނޑު ޖަހާފައެވެ. އެއީ ރޭގެ މެޗުގައި ޖެހި ދެ ލަނޑުގެ އިތުރުން ވަރުގަދަ އިރާނު ކޮޅަށް ފުރަތަަމަ މެޗުގައި ޖެހި ލަނޑާ، ދެވަނަ މެޗުގައި ލުބްނާން ކޮޅަށް ޖެހި ލަނޑެވެ.