ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އަދި ޖަޕާނުގެ ފުޓުބޯޅަ ފެޑެރޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިިއަންޝިޕްގައި ރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްއާއި އީގަލްސް ވާދަކުރި އިރު، މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު އީގަލްސް އިން ވަނީ ގްރީންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއް ގްރީން ސްޓްރީޓްސްގެ ކީޕަރުވެސް ދިފާއު ކޮށްފައިވާ އިރު، އީގަލްސްގެ ފޯވަޑް ލައިނުން ވަނީ ގިނަ ހަމަލާތަކެއް ނާކާމިޔާބުވެސް ކޮށްލައިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓްސް އިންވެސް ހަމަލާތަކެއް އުފައްދާފައި ވާއިރު އެޓީމުގެ ފޯވާޑް އައިކް ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އީގަލްސް ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ފައުލް ތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް އީގަލްސް އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތު ވަނީ ބޭކާރު ވެގެން ގޮސްފައެވެ.

ޔޫތު ޗެމްޕިއަންޝިޕް 2018: ނިއުރޭޑިއަންޓް އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފު އީގަލްސްއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. ހާފްގެ ކުރީކޮޅުގައިވެސް ގްރީންގެ ގޯލަށް ނުރައްކާ ކުރިއެވެ. ދެވަނަ ހާފްގައިވެސް ގްރީންގެ ގޯލް ކީޕަރުގެ ކުޅުން ފާހަގަކޮށްލެވިފައިވާ އިރު، ދެވަނަ ހާފް ނިމެން ދަނިކޮށް އީގަލްސްގެ އިޔާން އަހުމަދު ރަޝީދަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން މޫސާ އަޒީމް ހަސަނެވެ. އޭނާ ވަނީ ގްރީން ކުޅުނު ފުރަތަމަ މެޗުގައި އެޓީމަށް ލަނޑެއްވެސް ކާމިޔާބު ކޮށްދީފައެވެ.

މުބާރާތުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.