އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލޫޓަން ވާދަކުރި މެޗުގެ ފަހު ވަގުތު ލިވަޕޫލް ސަލާމަތްކޮށް ދިން ލަނޑު ޖެހި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް އޭނާގެ ބައްޕަ މިނިވަންކޮށްދިނުމަށް ގޮވާލައިފިއެވެ.

ލީގުގައި ލޫޓަން އާއި ލިވަޕޫލް ވާދަކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު ހާފްގައި ލޫޓަން އިން ލަނޑެއް ޖަހައި މޮޅުވާން ދަނިކޮށް އެ ޓީމު މޮޅުވިޔަ ނުދީ ހިފެހެއްޓީ މިވަގުތު ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ޑިއާޒްއެވެ. ޑިއާޒް ލިވަޕޫލަށް ގޯލު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ގޯލް ޖެހުމަށް ފަހު ޑިއާޒް ވަނީ އޭނާގެ ބައްޕަ ރަހީނުކޮށްފައިވާތީ މިނިވަންކޮށް ދިނުމަށް ގޮވާލައިފައެވެ.

ލިވަޕޫލްގެ ތަރި ލުއިޒް ޑިއާޒްގެ މައިންބަފައިން ރަހީނުކޮށްފި

މެޗްގެ ފުތަރަމަ ހާފްގައި ދެ ޓީމުން ވެސް އެއްވެސް ލަނޑެއް ކާމިޔާބުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ. ލިވަޕޫލުން ވަނީ ފުރަތަމަ ހާފްގައި 11 ހަމަލާ އުފައްދާފައެވެ، މީގެ ތެރެއިން ތިން ހަމަލާއެއް ވަނީ ލޫޓަން ޓައުންގެ ކީޕަރު ކާލްޓަން މޮރިސް ދިފާއުކޮށްފައެވެ. ހަމައެއާއެކު ލޫޓަން ޓައުނުން ވަނީ ހަތަރު ހަމަލާއެއް އުފައްދާފައެވެ. މީގެ ތެރެއިން އެއް ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހިފަހައްޓައިފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފައް ލިވަޕޫލުން ނިކުތީ ލަނޑެއް ޖެހުމުގެ އުންމީދުގައެވެ. ނަމަވެސް ލިވަޕޫލްގެ ގިނަ ހަމަލާތަކަށް ލޫޓަން ޓައުންގެ ކުޅުންތެރިން ވަނީ ހުރަސް އަޅާފައެވެ. މެޗްގެ 80 ވަނަ މިނެޓުގައި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މެޗްގެ 61 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމާ ގުޅުނު ލޫޓަން ޓައުންގެ މެދުތެރެއައް ކުޅެމުން އަންނަ ނެދެލޭންޑްސްގެ އުމުރުން 23 އަހަރުގެ ތަހިތް ޗޮންގްއެވެ. މީ ޗޮންގް މި ސީޒަނުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި ލަނޑާއެކު ލޫޓަން ޓައުނުން ފަހަތުގައި ރާވާލައިގެން ކުޅެމުންދިޔައެވެ. ނަމަވެސް ލިވަޕޫލުން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. މެޗްގެ ދެވަނަ ހާފްގެ 90 މިނެޓުގެ އިތުރުން ރެފްރީ ދެއްކި 11 މިނެޓުން ފަސް ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށް ދިނީ ޑިއާޒްއެވެ.

ލިވަޕޫލް ޕްރިމިއާ ލީގުގައި ދެން ނުކުންނާނީ މި ހަފްތާ ބަންދުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. ހަމައެއާއެކު ލޫޓަން ޓައުން ކުޅުމައް ހަމަޖެހިފައިވަނީ މި މަހު 11 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށެވެ.