މިރޭ ވެސްޓްހަމް ޔުނައިޓަޑާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ލިވަޕޫލުގެ ކޯޗު އަދި ސަލާހު އާއި ދެމެދު ހަމަނުޖެހުމުގެ ބަސްތަކެއް ރައްދު ކުރި މަންޒަރު ފެނުމުން އެކަމާއި ގުޅިގެން ސުވާލު ކުރުމުން އޭނާ އެއްޗެއް ބުނެފި ނަމަ އަލިފާން ރޯވާނެ ކަމަށް ލިވަޕޫލުގެ ފޯވާޑު ސަލާހު ބުނެފިއެވެ.

މިރޭ ވެސްޓްހަމް ޔުނައިޓަޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. މިއާއި އެކު މި ފަހަރުގެ ސީޒަނުގައި ލިވަޕޫލަށް އިތުރަށް ޕްރިމިއާ ލީގުގެ ތައްޓަށް ވާދަކުރެވޭނެ ފުރުސަތު މިވަނީ މުޅިން ހެން ގެއްލިފައެވެ.

މިރޭ މެޗުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ސަލާހު އާއި ކްލޮޕާއި ދެމެދު ބަދަލު ކުރި ބަހުގެ ހަމަލާތަކެވެ. ސަލާހު ކުޅުމާއި ބައިވެރިވީ މެޗުގެ ދެވަނަ ހާފުގައެވެ. ކުޅެން އެރުމަށް ބޭރު ލައިން ކައިރި މަޑު ކޮށްލައިގެން ހުރި ސަލާހު އާއި ކްލޮޕާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައެވެ. މި މައްސަލަ ހޫނުވެ ލިވަޕޫލުގެ ޑާވިން ނޫނޭޒް ގޮސް ސަލާހު ހިފަހައްޓާ ރުޅި ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރި މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ.

ކްލޮޕް އަދި ސަލާހު އާއި ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި

މި ކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ލިވަޕޫލުގެ ކޯޗު ބުނެފައިވަނީ މެޗާއި އެކީ އެކަންތައް ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް މެޗު ނިމުމަށް ފަހުވެސް ސަލާހުގެ މޫނުމަތިން އެ މަންޒަރު ފެނިފައެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން މެޗަށް ފަހު ސަލާހު އާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެކަމާއި ގުލޭ ގޮތުން އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އޭނާ އެއްޗެއް ބުނެފި ނަމަ އަލިފާން ރޯވެދާނެ ކަމަށެވެ.

މިރޭ މެޗާއި އެކު ލިވަޕޫލުން ވަނީ އެއްވަނައިގައި އޮތް އާސެނަލަށް ވުރެ އިތުރަށް އެއް މެޗު ކުޅެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ. އެހެން ކަމުން މި ފަހަރުގެ ސީޒަނުގެ ތައްޓަށް ވާދަކުރުމަކީ ލިވަޕޫލަށް ނާދިރުކަމެކެވެ.