އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ލިވަޕޫލަށް މޮޅުނުވެވުމާ އެކުގައި ލީގު ތައްޓަށް ވާދަކުރާ ތިން ޓީމުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ލިވަޕޫލް އާއި ޔުނައިޓެޑް ބައްދަލު ކުރި މެޗު 2-2 އިން ވަނީ އެއްވަރުވެފައެވެ. މި ނަތީޖާ އާ އެކުގައި ކުޅުނު 31 މެޗުން ލިބުނު 71 ޕޮއިންޓާ އެކުގައި އެއްވަނައިގައި ލަނޑުގެ ތަފާތުން އޮތީ އާސެނަލްއެވެ. ދެވަނައިގައި ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން އޮތީ ލިވަޕޫލެވެ. ތިން ވަނައިގައި 70 ޕޮއިންޓާ އެކުގައި އޮތީ އެންމެ ފަހުގެ ލީގު އަދި ޗެމްޕިއަންސް ލީގުގެ ވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.

އާސެނަލް އަށް ކުރި ލިބެނީ ފައިދާ 52 ގޯލް އޮވެގެންނެވެ. ލިވަޕޫލަށް ލިބެނީ ފައިދާގެ ގޮތުގައި 42 ގޯލެވެ. އަދި މެންޗެސްޓާ ސިޓީ އަށް ލިބެނީ ފައިދާގެ ގޮތުގައި 40 ގޯލެވެ. މި ފަހަރު ލީގު ލިބޭ ޓީމެއް ކަނޑައެޅުމުގައި ފައިދާގެ ގޯލަށް ވެސް ބަލަން ޖެހިދާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ލިވަޕޫލް އާއި ޔުނައިޓެޑް ރޭ ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފްގައި މުޅިން ވެސް ފެނުނީ ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ތަނެވެ. އެގޮތުން މި ހާފްގައި އެކަނި ވެސް ލިވަޕޫލުން 15 ހަމަލާއެއް އުފެއްދުނު އިރު، މެންޗެސްޓާ ޔުނައިޓެޑަށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ލިވަޕޫލުން މޮޅަށް ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއާޒް ވަނީ އެ ޓީމަށް ލީޑް ނަގައި ދީފައެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑް ފެނުނީ ކުރިއަށް ވުރެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރެވޭތޯއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައި ދިނީ މެޗުގެ 67 ވަނަ މިނެޓުގައި ކޮބީ މައިނޫއެވެ. މި ލަނޑު ޖެހި ފަހުން ޔުނައިޓެޑަށް މާ ގިނައިރު ލީޑްގައި ނޯވެވުނެވެ. މެޗުގެ 84 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ މުހައްމަދު ސަލާހް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

ޕްރިމިއާ ލީގުގައި ބާކީ ހަތް މެޗު އޮތް އިރު، ލީގަށް ވާދަ ކުރާ ތިން ޓީމަށް ވެސް ވަރުގަދަ މެޗުތަކެއް އެބަހުއްޓެވެ. އާސެނަލް އަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބައްދަލު ކުރަން ޖެހޭ މެޗާއި ޓޮޓެންހަމާ ދެކޮޅަށް ބަދަލު ކުރަން ޖެހޭ މެޗު އެބައޮތެވެ. ލިވަޕޫލަށް ބަލާއިރު ޓޮޓެންހަމާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުވާނެއެވެ. އެއީ ޓޮޓެންހަމް މިވަގުތު ހަތަރު ވަނައިގައި އޮތް އިރު، އެސްޓަން ވިލާ، އޭގެ ފަހުން ވިއްދާފައި އޮތުމުންނެވެ. މެންޗެސްޓާ ސިޓީ އަށް އުނދަގޫ ވާނެ ކަމަށް ބެލެވެނީ ބްރައިޓަން އާ ދެކޮޅަށް އަދި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.