ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެޓްލާންޓާ އަދި ލިވަޕޫލު ބައްދަލު ކުރި މެޗު އެޓްލާންޓާ ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލުގެ ދަނޑު އެންފީލްޑުގައި ކުޅުނު މި މެޗުން ލިވަޕޫލުގެ މައްޗަށް އެޓްލާންޓާ ކުރި ހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.

ލިވަޕޫލަށް ވަނީ މެޗުހެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ވަނީ މެކް އަލިސްޓާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެެއް ތަނަވަސް ކޮށްދީފައެވެ. ނަމަވެސް މެކް އަލިސްޓާ ފޮނުވާލި ބޯޅަ ދިޔަައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ނޫނޭޒް އަށް ވަނީ މުޅިން ހުސްކޮށް އޭރިޔާ ތެރެއިން ބޯޅަ ލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ ވެސް ދިޔައީ އަރިމަތިން ބޭރަށެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގައި އެޓްލާންޓާ އަދި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް އެޓްލާންޓާގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގައިދިނީ ޖަންލުކާ ސަމަކާއެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ޒަޕަކޯސްޓާގެ އެހީތެރި ކަމާ އެކުއެވެ. މި ބޯޅަ ގޯލަށް ވަނީ ލިވަޕޫލުގެ ކީޕަރު ކެލަހާގެ އަތް ދަށުންނެވެ. ފުރަތަމަ ހާފު ނިމުނީ އެޓްލާންޓާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން އެޓްލާންޓާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓްލާންޓާ އިން ވަނީ ލީޑް ފުޅާކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ޗާލްސް އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ސަމަކާއެވެ. ލިވަޕޫލުގެ އެއްވެސް ޑިފެންޑަރެއް ނެތި އޭނާ މި ލަނޑު ކާމިޔާބު ކުރީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެފައެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގައި އެޓްލާންޓާ އަދި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ލިވަޕޫލުގެ ގިނަ އެޓޭކްތައް އެޓްލާންޓާ އިން ހުއްޓުވި އިރު އެ ޓީމުން ހަމަލާތައް އުފައްދަމުން އައީ ރަނގަޅަށް ޑިފެންޑު ކުރަމުން ލިބޭ މަދު ފުރުސަތެއްގައެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައިވަނިކޮށް ލިބުނު ފުރުސަތެއްގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ފަރަގު ބޮޑުކޮށްފައެވެ. އެގޮތުން އެޓްލާންޓާގެ އެޑަސަން ފޮނުވާލި ބޯޅަ އެއް ކެލަހާހެ އަތުގައި ޖެހިފައި ރީބައުންސް ވުމުން އެ ބޯޅަ ދެވަނަ ފަހަރަށް ކުރިއަށް ފޮނުވާލައިގެން މި ލަނޑު އެޓްލާންޓާ އަށް ކާމިޔާބުކޮށްދީފައިވަނީ ޕެލިސިޗެވެ.

މި މުބާރާތުގެ އިތުރު މެޗުތަކެއް ވެސް ރޭ ވަނީ ކުޅެފައެވެ. އެގޮރުން ރޯމާއިން ވަނީ އޭސީ މިލާނުގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. 2-0 އިން ވެސްޓެ ހަމްގެ މައްޗަށް ލެވަކޫސަން ކުރި ހޯދި އިރު ބެންފީކާ އިން ވަނީ މާސެއިލްގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުުގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މެޗުތަކަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭ ޓީމުތައް ކަށަވަރުވާނެއެވެ.