ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ސޮސައިދާދު ބަލިކޮށް ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއަކު ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާއެކު، ބާސެލޯނާ ތިން ވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 12 މެޗުން ލިބުނީ 29 ޕޮއިންޓެވެ. އެއްވަނައިގައި ގިރޯނާ އޮތީ 31 ޕޮއިންޓާއެކުގައެވެ.

ރެއާލް ސޮސައިދާދް ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރޮނާލް އަރައުޖޯއެވެ.

ރޮނާލްޑް އަރައުޖޯ ރެއަލް ސޮސެއިޑާޑްއާއި ދެކޮޅައް ލަނޑު ޖަހައި އުފާ ފާޅުކުރަނީ/ގެޓީ އިމޭޖަސް

މެޗަށް ފަހު ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބާސެލޯނާގެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ދިމާވެފައިވާ ކަމަށާއި އެގޮތުން އެ ކުލަބުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަނިޔާއިން އެނބުރި އައުމަށް ކްލަބުން ބޭނުންވާ ކަމަށެވެ. ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި ކުޅުނު އަށް މެޗުން ފަސް ލަނޑާއި ތިން އެސިސްޓް ހަދައިފައެވެ. މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ 33 މެޗުން 23 ލަނޑާއި ހަތް އެސިސްޓު ހަދައިފައެވެ.

ލެވްންޑޯސްކީ އަނިޔާވެފައި/ ގެޓީ އިމޭޖަސް

"ލެވަންޑޯސްކީ %100 ފިޓްކޮށް ހުރުމަކީ އުނދަގޫ ކަމެއް. އަހަރެމެން ޖެހޭނީ އަނިޔާތަކާއި ބަދަލު ކުޅުންތެރިން ރަނގަޅަށް މެނޭޖް ކުރަން." ޒަވީ ބުންޏެވެ.

އަދި ޒަވީ ވަނީ ޕެޑްރީ އަށް ލިބުނު އަނިޔާއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފައެވެ.

"ޓީމުގެ ކުޅުންތެރިން ބަދަލުވާން އުޅޭ. މިއަދު އޭނާއަށް އެ މެޗްގައި ކުޅެން އުނދަގޫވީ އެ މެޗުގައި ހުރި އިންޓެންސިޓީގެ ސަބަބުން، އެކަމަކު އޭނާ އެނބުރި އައީ ރަނގަޅަށް އަދި މިއީ އޭނާއަށް ވެސް އަދި މުޅި ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ބަދަލެއް." ޒަވީ ބުންޔެވެ.

ޕެޑްރީ މި ސީޒަނުގައި ކުޅުނު ދެ މެޗުގައި ވަނީ ލަނޑެއް ކާމިޔާބުކޮއްފައެވެ. ހަމައެއާއެކު މިދިޔަ ސީޒަނުގައި ޕެޑްރީ ވަނީ 22 މެޗުން 6 ލަނޑާއި އެއް އެސިސްޓް ހަދައިފައެވެ.

ބާސެލޯނާގެ ޒުވާން ކުޅޫންތެރިޔާ / ޕެޑްރީ/ ގެޓީ އިމޭޖަސް

އަނިޔާގެ ލިސްޓް މިހާރު ޒަވީއަށް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ހޮނިހިރު ދުވަހުގައި ރެއަލް މެޑްރިޑާއި ދެކޮޅައް ކުޅުނު މެޗައް ފަހު އެހެން މެޗެއްގައި ނުކުޅެވުނީ ފްރެންކީ ޑި ޖޮންގް އާއި ސާޖީ ރޮބާޓޯ އެކަންޏެވެ.