ސައުދީ އަރަބިއްޔާގެ ކްލަބުތަކުން މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އެ ޓީމަށް ކޯޗުކޮށްދޭން ފެށުމަށް ފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަސަމީރޯ ޔުނައިޓެޑުން ގެނައިއިރު، އޭގެ ފަހުން އައި މަސްތަކުގައި އޭނާ ވަނީ ޓީމަށް މުހިންމު ރޯލެއް އަދާކޮށްދީފައެވެ. ކަސަމީރޯ ވަނީ މިދިޔަ ސީޒަންގައި މުހިއްމު ގިނަ ލަނޑުތަކެއް ޖަހައި، ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑުން ޖާގަ ހޯދައި، ކަރަބައޯ ކަޕް ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ފައިނަލުގައި ކުޅުމަށް އެހީތެރިވެދީފައެވެ.

އޭނާ ޓީމަށް ގެނައުމުން މީހުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ. ނަމަވެސް ޔުނައިޓެޑުން 60 މިލިއަން ޕައުންޑާއި އިތުރު 10 މިލިއަން ޕައުންޑް އެޑްއޮންސް ދީފައިވާއިރު ހަފްތާއަކު ގާތްގަނޑަކަށް 300،000 ޕައުންޑްގެ އުޖޫރައެއް ދޭން އެއްބަސްވެފައިވެއެވެ.

ކުރު މުއްދަތެއްގެ ކާމިޔާބީއެއް ކަސަމީރޯ ހޯދިއިރު، އާ ކެމްޕޭންގެ ކުރީކޮޅު ފިޓްކޮށް ހުންނަން ކެސެމިރޯއަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ފަސް މެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ.

ކަސެމީރޯ މިވަގުތު އަނިޔާގައި ހުރި ނަމަވެސް، ރިޕޯޓްތަކުން އެނގިފައިވާ ގޮތުގައި، ސައުދީ ޕްރޯ ލީގުގެ ޝައުގުވެރިކަން ކަސަމީރޯ އަށް އެބަހުއްޓެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ އަދި ކަރިމް ބެންޒިމާ އަކީ މިހާތަނަށް މެދުއިރުމައްޗަށް ބަދަލުވާން އިޚްތިޔާރުކުރި އެންމެ މަޝްހޫރު ކުޅުންތެރިން ތެރެއިން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނެވެ.

އެނގިފައިވާ ގޮތުގައި ކަސެމީރޯ އާއި ކެޕްޓަން ބްރޫނޯ ފަރްނާންޑޭސް އާއި އެކު ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ސައުދީގެ ކްލަބުތަކުން ޝައުގުވެރިވާ އިރު، އެ ޑީލްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު