އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކޮށް, އޭސީ މިލާނުން މިސީޒަންގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މެޗުން ބަލިވުމުން ޕީއެސްޖީ އަށް ވަނީ އެއްވަނައިގައި އޮތުމުގެ ފުރުސަތު ގެއްލި, ދެވަނަ އަށް ސޮއްސާލާފައެވެ. އެއީ ހަތަރު މެޗުން ހަ ޕޮއިންޓާއެކުއެވެ. އޭސީ މިލާން އޮތީ ޖުމުލަ ފަސް ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ.

މޮޅެއް ނުލިބި ފުރަތަމަ ތިން މެޗު ނިންމާލަން ޖެހުނު, އޭސީ މިލާނުން ޕީއެސްޖީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ފަށައިގެން އޭސީ މިލާނުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުން މިލާނު މޮޅުކޮށްދިން ލަނޑު ޖެހީ ޖިރޫޑް އެވެ. އޭނާ ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ލަނޑު ޖެހީ ބޮލުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޕީއެސްޖީންނެވެ.

ޕީއެސްޖީއަށް ލީޑް ނަގައިދިނީ މާކީނިއޯސް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ސްކްރިނިއާ އެވެ. އެކަމަކު ތިން މިނިޓްގެ ތެރޭގައި ރަފެއަލް ލެއާއޯ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭނާ ލަނޑުޖެހީ އޯވަހެޑް ކިކަކުންނެވެ.

މި ގުރޫޕްގެ އެއްވަނާގައި އޮތީ 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރި ބޮރޫޝިޔާ ޑޯޓްމަންޑެވެ. އެއީ ހަތް ޕޮއިންޓާއެކުއެވެ. ނިއުކާސަލް އޮތީ ހަތަރު ޕޮއިންޓާއެކު ފުލުގައެވެ. ތިންވަނާގައި އޭސީ މިލާން އޮތީ ފަސް ޕޮއިންޓާއެކުއެވެ.