ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންއަކީ ކޮންމެ ދަނޑެއްގައި ވެސް މޮޅު ކުޅުމެއް ދެއްކޭނެ ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ހެރީ ކޭން ވަނީ ބަޔާން އަށް ބަދަލުވެ ބުންޑެސް ލީގާގެ ފުރަތަމަ ސީޒަންގައި ކުޅުނު 10 މެޗެއްގައި 15 ގޯލް ކާމިޔާބުކޮށްދީފައެވެ. އެންމެ ފަހުން ބްރޫޝިއާ ޑޯޓްމަންޑް އަތުން 4-0 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދައިފައެވެ. މިއީ އޭނާގެ ތިން ވަނަ ހެޓްރިކެވެ. ކޭން ވަނީ ޗެންޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ތިން މެޗެއް ކުޅެ ބަޔާން މިއުނިކަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ.

"މިއީ އޭނާ އަލަށް ކްލަބް ބަދަލުކުރި ފަހަރު، އޭނާ ގައުމު ދޫކޮށް އާ ލީގަކަށް، އާ ސިޓީއަކަށް ދާން އުޅޭ ފަހަރު، ހަމައެކަނި އޭނާއަކަށް ނޫން އޭނާގެ އާއިލާ އައް ވެސް. ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ދަނޑެއްގައި ވެސް އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކޭނެކަމީ އަހަރެން ޝައްކުކުރާކަމެއްނޫން. މިދިޔަ ދިހަ އަހަރު ދުވަހު އޭނާ އެއަންނަނީ އެކަން ކުރަމުން. ތޯމަސް ޓޫޗެލް ހެރީއާއި ބެހޭގޮތުން ރިޕޯޓަރުނަށްދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން އިން ނުކުންނާނީ ގަލަތަސަރާއީއާ ދެކޮޅަށެވެ. މި މެޗް ކާމިޔާބުކޮށްގެން ބަޔާން އަށް ދެވަނަ ބުރަށް ދެވޭނެއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ބުނީ ކޭންއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ކޮންމެ ދަނޑެއްގައި ވެސް އޭނާ އަށް މޮޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ދަނޑެއްގައި ވެސް އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކޭނެކަމީ އަހަރެން ޝައްކު ކުރާ ކަމެއް ނޫން. މިދިޔަ ދިހަ އަހަރު ދުވަހު އޭނާ އެ އަންނަނީ އެކަން ކުރަމުން." ބަޔާންގެ ކޯޗު ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ބަޔާން މިރޭ ނުކުންނަ އިރު އަނިޔާގެ ސަބަބުން މެތިސް ޑިލައިޓް އާއި ރަފައެލް ގުއެރެއިރޯ މިމެޗްގައި ބައިވެރިއެއް ނުވެއެވެ. ޑަޔޮޓް އުޕަމެކާނޯ އާއި ލިއޮން ގޮރެޓްޒްކާ މެޗުގައި ބައިވެރިވާނެކަމާ މެދުގައި ވަނީ ޝައްކު އުފެދިފައެވެ. ބަޔާން އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކީޕަރު މެނުއަލް ނޯޔާ އަނިޔާ އިން ސަލާމަތްވެ، އެނބުރި ކުޅުމުގެ ތެރެއަށް އައުމެވެ.

ނޯޔާ ކުޅުމުގެ ތެރެއަށް އެނބުރި އައުމަކީ ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި އޭނާ ކުރިއަށް ގޮސްފިނަމަ ކުރިއެކޭ އެއްގޮތައް މޮޅު ކުޅުމެއް ދެއްކޭނެ ކަމައް ޓުޗެލް ވެސް ފާހަގަކޮށްފައިވެއެވެ.