ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

މިރޭގެ ފައިނަލުގައި ވާދަކުރާނީ މުބާރާތުގައި ވަރުގަދަކޮށް ފެނިގެން ދިޔަ ކުލަބު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި ކުޅުދުއްދުށީ ޕޯޓް ރެކްރިއޭޝަން ކުލަބު (ކޭޕީއާރުސީ) އެވެ. މިރޭގެ ފައިނަލަށް ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.

ދެ ޓީމު ފައިނަލާ ކުރިމަތިލާ އިރު، މާބޮޑު އަނިޔާގެ މައްސަލައެއް ނެތެވެ. މެޗު ކާމިޔާބު ކުރުމަށް ދެޓީމުވެސް އޮތީ ފުރިހަމައަށް ތައްޔާރު ވެފައެވެ. ފައިނަލް މެޗު ފަށާނީ މިރޭ 20:30 ގައެވެ. މިމެޗު ޔެސްޓީވީންނާއި، ޒިގްޒެކް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ފައިނަލުން ކޭއާރުއެޗް ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދިރާގުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފައިނަލުން ކޭޕީއާރުސީ އިން ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކުލަބް ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ މައްޗަށް 9-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ދެޓީމަށް ބަލާއިރުވެސް ފުޓްސަލްގެ ގައުމީ ލެވެލްގައިވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ. ޕޯޓުގެ ގޯލް ކީޕަރަކީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކުރީގެ އެއްވަނަ ގޯލްކީއްޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެވެ. އޭނާއަކީ އެމްޕީއެލްގެވެސް އެއްވަނަ ކީއްޕަރެވެ. ޕޯޓުގައި ފުރަތަމަ ޑިވިޒަންގައި ކުޅޭ ސުޕަޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އެންމެ މުހިންމު ދެކުޅުންތެރިން ދަނީ ކުޅެމުންނެވެ. މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުންދާ އައިހަމްއާއި، އިއްބެއަކީ ފުޓްސަލްގައިވެސް މޮޅަށް ކުޅޭ ދެކުޅުންތެރިންނެވެ. މުބާރާތުގައި މިހާތަނަށް ހުރިހާ ޑިޕާޓްމަންޓެއްވެސް އެންމެ އޯގަނައިޒްކޮށް ފެނުނު ޓީމަކީ ޕޯޓެވެ.

ފައިނަލުގައި މިރޭ ވާދަކުރާ ކޭއާރުއެޗުގައިވެސް މުހިންމު ކުޅުންތެރިން ތަކެއް އެބަތިއްބެވެ. އެޓީމު މިހާތަނަށް މުބާރާތުގައި ހޯދި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖޭގެ މަތީ ފަންތީގައި ފުޓްސަލް ކުޅެމުންދާ ޖުނައިދުގެއެވެ. އޭނާގެ މަސައްކަތު ރޭޓާއި، ޓީމު ގޮވައިގެން ޓީމެއްގެ ގޮތުގައި ކުޅުމަށް ކުރާ ހިތްވަރަކީ މިރޭގެ ފައިނަލާއި ކުރިމަތިލާއިރު އެޓީމަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ ހަމަ އެހެންމެ ޓީމުގެ ކެޕްޓަން ޑޭވިޑަކީ އެޓީމުގެ ރޫހެވެ. އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއްވެސް ޖަހާފައެވެ.

މިރޭގެ ފައިނަލަށް ދެޓީމު ނިކުންނަނީވެސް މުބާރާތުގެ ތަށި ކާމިޔާބު ކުރުމަށެވެ. ދެޓީމުން މިހާތަނަށް ދައްކާފައިވާ ކުޅުމާއި ތިބި ކުޅުންތެރިންނަށް ބަލާއިރު މިމެޗަކީ ބަލާ ހިތްވާ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެއެވެ. މެޗަށްފަހު މުބާރާތް ނިންމުމަށް ޚާއްސަ ރަސްމިއްޔާތެއް އޮންނާނެއެވެ. މުބާރާތުގައި ޗެމްޕިއަން ޓީމާއި، ރަނަރަޕް އަދި ފެއާޕްލޭ ޓީމާއި، ކިންގް އޮފް ދަ ޓޯނަމެންޓުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންދަލިޔާ ބުކްޝޮކް އަދި ސީންއެވެ. އެކޮމަޑޭޝަން ޕާޓްނަރަކަށް ބަރާބަރު ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކީ ބީ ޓްރެވަލްސް އެވެ.

ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެދެދެ

    މުއައްސަސާ ތަކުގެ މުބާރާތް ނަމުގަ ..ކުޅެނީ ރާއްޖޭގެ ހައި ލެވެލް ކުޅުންތެރިން ގެނެސްގެން..ކަމަކު ނުދޭ މިގޮތެއް. ރަށު ކުޅުންތެރިން ބެންޗުގަ ބަލަން ތިބެން ޖެހެނީ..