ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެފްސީ ކޯޕަންހޭގަން އަތް ދަށުވެ މެންޗެސްޓާ ޔުނައިޓެޑް ކެޓުމާ ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ކޯޕަންހޭގަން އިން ކާމިޔާބުކުރީ ފަހަތުން އަރާ 4-3 ގެ ނަތީޖާއިން ޔުނައިޓެޑް މައްޗަށް ކުރި ހޯދައިގެންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕް އޭގެ ފުލުގައެވެ. ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި ގަލަތަސަރާއީ އޮތްއިރު ދެވަނައިގައި އޮތް ކޮޕަންހޭގަން އަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކޮޕެންހޭގަނަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ބަޔާން ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ކޮޕަންހޭގަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ޔުނައިޓެޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު ވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑްއެވެ. މެޗުގެ 42 ވަނަ މިނެޓްގައި ކޮޕަންހޭގަންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރަޝްފޯޑަށް ދެއްކި ރަތްކާޑާއެކު ޔުނައިޓެޑުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

ރަޝްފޯޑަށް ރަތްކާޑު ދެއްކިތާ ތިން މިނެޓްފަހުން އެލްޔުނީސީ ވަނީ ކޮޕަންހޭގަންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ގޮންކަލްވޭސް ވަނީ ކޮޕަންހޭގަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ޕެނަލްޓީ ކޮޕަންހޭގަން އަށް ލިބުނީ ޕެނަލްޓީއޭރިއާ ތެރެއިން ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ދެވަނަ ހާފަށް ނުކުތީ ނަތީޖާ އެއްވަރުވެފައި އޮވެގެން ނަމަވެސް، 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އެ ޓީމަށް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ޔުނައިޓެޑުން މޮޅަކަށް މިސްރާބު ހިފިނަމަވެސް، ލޫކަސް ލެރަގާ އާއި ރޫނީ ބާޑުޖީ ޖެހި ގޯލުތަކުން ކޯޕަންހޭގަން ނަތީޖާ އަނބުރާލިއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރި ބަޔާނުން ރޭ ވަނީ އަމިއްލަ ދަނޑުގައި ގަލަތަސަރާއީ 2-0 އިން ބަލިކޮށްފައެވެ. ބަޔާންގެ ދެ ގޯލު ވެސް މި މެޗުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

ކިޔުންތެރިންގެ ހިޔާލު