ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހަތަރު ވަނަ މެޗުގައި ގަލަތަސަރާއީ ބަލިކޮށް، ޖަރުމަނުގެ ބަޔާން މިއުނިކް ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށް، އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ބަޔާނުންނެވެ. ޔޯޝުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓޮޓެންހަމް ދޫކޮށް އެ ޓީމަށް ބަދަލުވެ މޮޅަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންއެވެ. އޭގެ ހަ މިނެޓު ފަހުން ބަޔާންގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްދިނީ ވެސް ކޭންއެވެ.

ބަޔާނުން ދެ ލަނޑު ޖެހި ފަހުން، މެޗުގެ އިތުރު ވަގުތުގައި ގަލަތަސަރާއީގެ ހަމައެކަނި ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ސެޑްރިކް ބަކަމްބޫއެވެ. ކޭން ތަފާތު މޮޅު ފޯމެއްގައި ބަޔާން ކެރިއަރު ފަށައި، އެ ފޯމު ދަމަހައްޓަމުން އަންނަ އިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި އޭނާ ހެޓްރިކްވެސް ފުރިހަމަ ކުރިއެވެ.

މޮޅާއެކު ބަޔާނުން ދެ ވަނަ ބުރުން ޖާގަ ހޯދީ މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކުއެވެ. ބަޔާން އާ އެއް ގްރޫޕެއްގައި ހިމެނޭ ޔުނައިޓެޑުން ރޭ ރަށުން ބޭރުގައި ކޯޕަންހޭގަން އަތްދަށުވީ ހުތުރު ގޮތަކަށެވެ. ޔުނައިޓެޑް ކުރިއަށް އޮތް ދެ މެޗުން ކުރެ މެޗަކުން ބަލިވެއްޖެ ނަމަ ޗެމްޕިއަންސް ލީގުން ކަޓާނެއެވެ.

ކިޔުންތެރިންގެ ހިޔާލު