އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ނިންމައިފިއެވެ.

އެތުލެޓިކޯއަށް ދެ ފަހަރެއްގެ މަތިން މޮރާޓާ ވަނީ 120 މެޗު ކުޅެދީ، 49 ލަނޑު ޖަހާފައެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އޭނާ އަންނަނީ މޮޅަށް ކުޅެމުންނެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން އޭނާ ވަނީ ހަތް ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ހަތަރު މެޗުން ފަސް ލަނޑު ޖަހައިފައެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެތުލެޓިކޯއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، މިދިޔަ ޖޫން މަހު އޭނާ ވަނީ އެއްބަސްވުން އާ ކުރަން ނިންމައިފައެވެ. އެތުލެޓިކޯގެ އެއްބަސްވުން މޮރާޓާ އާ ކޮށްފައި ވަނީ ތިން އަހަރު ދުވަހަށެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ އެ ކުލަބުގައި ހުންނާނެއެވެ. މޮރާޓާ އެތުލެޓިކޯގެ އެއްބަސްވުން އާ ކުރީ، ސައުދީ ޕްރޯ ލީގު އަދި މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) އިން ލިބުނު ހުށަހެޅުންތައް ދޫކޮށްލުމަށްފަހުއެވެ.

މޮރާޓާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިޓާލިއަން ލީގުގެ ޔުވެންޓަސް އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ވެސް ކުޅެފައެވެ. އެތުލެޓިކޯގައި ހުރުމަށްފަހު އެންމެ ފަހުން އޭނާ ޔުވެންޓަސްއަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު