ކަރީމް ބެންޒެމާގެ ހެޓްރިކާއެކު އަލް އިއްތިހާދުން 2-4 ގެ ނަތީޖާއިން އަބްހާ ބަލިކޮށްފިއެވެ.

މި މެޗަށް އަލް އިއްތިހާދުން ނިކުތީ އެޓީމުގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯސް ނުލައެވެ. ދާދި ފަހުން ނަތީޖާތައް ދަށްވުމުގެ ސަބަބުން ނޫނޯ ވަނީ މަގާމުން ވަކިކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަލް އިއްތިހާދުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފްރާންސްގެ ކަރީމް ބެންޒެމާއެވެ. ދެވަނަ ހާފު ފަށައިގެން ކުރީކޮޅު އަބްހާއިން ވަނީ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފައެވެ. 51 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކާލް ޓޮކޯ އެކަމްބީއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން، އަލް އިއްތިހާދަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އިގޯ ކޮރޮނާޑޯއެވެ. އަލް އިއްތިހާދުގެ ތިންވަނަ ލަނޑާއި، ހަތަރުވަނަ ލަނޑުވެސް ޖެހީ ބެންޒެމާއެވެ. އެއީ 67 ވަނަ މިނެޓާއި، 69 ވަނަ މިނެޓުގައެވެ. މެޗުގައި ބެންޒެމާ ހެދި ހެޓްރިކާއެކު، އެ ޓީމަށް ބެންޒެމާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 12އަށް އަރާފައެވެ. އަބްހާގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖެހީ ފަހަދު އަލް ޖުމައްޔާހުއެވެ.

މޮޅާއެކު އަލް އިއްތިހާދު އޮތީ ލީގު ތާވަލްގެ ފަސްވަނާގައެވެ. އެއީ މިހާތަނަށް ކުޅުނު 13 މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ. ސީޒަންގެ ކުރީކޮޅު އަލް އިއްތިހާދު، ލީގު ތާވަލްގެ އެއްވަނާގައިވެސް އޮތެވެ. ނަމަވެސް ވަކި ހިސާބަކުން އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފައެވެ. މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަތް މެޗުންނެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު، އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.