އިޓާލިއަން ލީގުގެ ނަޕޯލީ އަށް ކުޅެމުން އަންނަ ވިކްޓަ އޮސީމެން އަށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ފާރަލަމުން އަންނަ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.

ލީލް ދޫކޮށް އޮސީމެން ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެކުލަބުގައި މޮޅަށް ކުޅެމުންނެވެ. މިހާތަނަށް ނަޕޯލީ އަށް ކުޅެދިން 111 މެޗުން އޭނާ ވަނީ 65 ލަނޑު ޖަހައިފަ އެވެ.

ރިޕޯޓުތައްް ބުނާ ގޮތުން އަލް ހިލާލުން އަންނަނީ މި ސީޒަނަށްފަހު އޮސީމެން ހޯދުމަށް ތައްޔާރުވަމުންނެވެ. އަލް ހިލާލުން އެ ޓީމުގެ ސްކޮޑުގައި މޮޅު ފޯވާޑެއް ހިމަނަން ބޭނުންވާއިރު، އެ ޓީމުގެ ޓާގެޓަކީ އޮސީމެން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޮސީމެން ހޯދުމުގެ މަޝްވަރާތައް އަލް ހިލާލުން ކުރަމުން އަންނައިރު، އެކަމުގެ އަލި މަގެއް ފެނުމުން ރަސްމީކޮށް އެކަމުގެ މަސައްކަތް އެ ކުލަބުން ފަށާނެ އެވެ. ނަޕޯލީގައި ވެސް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮސީމެން އަކީ އަލް ހިލާލުގެ ފޯވާޑް ލައިނަށް އެކަށީގެންވާ ކުޅުންތެރިޔެއްގެ ގޮތުގައި އެ ޓީމުން ދެކޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން އޮސީމެން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ބޮޑު އަގެއްގެ ހުށަހެޅުމާއެކު އަލް ހިލާލުން އޮސީމެން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޮސީމެން ބުނެފައިވަނީ ގިނަ ކުލަބުތަކުގެ ހުށަހެޅުން ޤަބޫލު ނުކުރީ ނަޕޯލީގައި ހުންނަން އޭނާ ބޭނުންވާތީ ކަމަށެވެ.

ނަޕޯލީއާއެކު އޭނާ ވަނީ މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ 36 އަހަރަށް ފަހު ނަޕޯލީ އަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.