ސައުދީ ޕްރޯ ލީގުގެ މުއްސަނދި ކްލަބު އަލް-އިއްތިހާދުން އެ ޓީމުގެ ކޯޗުކަން ހުލެން ލޮޕެޓެގީއާ ހަވާލުކުރަން ތައްޔާރުވެއްޖެއެވެ.

އިއްތިހާދުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ އެ މަގާމުން ވަކިކުރީ މިދިޔަ ހަފުތާ ތެރޭގައެވެ. ކުރިން ޓޮޓެންހަމް އާއި ވުލްވްސްގެ ކޯޗުކަމުގައިވެސް ފާހަގަކޮށްލެވުނު އުމުރުން 49 އަހަރުގެ ނޫނޯ މަގާމުން ވަކިކޮށްފައި ވަނީ 16 މަސް ދުވަސް ފަހުންނެވެ. ނޫނޯ، އިއްތިހާދާ ހަވާލުވީ މިދިޔަ އަހަރު ޖުލައި މަހުއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ސައުދީ ޕްރޯ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޓީމު، އަލް-އިއްތިހާދުގެ ކޯޗުގެ މަގާމުން ނޫނޯ ވަކިކުރީ ނަތީޖާތައް ދައްވުމުންނެވެ. ހާއްސަކޮށް އޭޝިއަން ޗެމްޕިއަންސް ލީގުގައި އެ ކްލަބުގެ ކުޅުން ދަށްވުމުންނެވެ. ނޫނޯއާއެކު ލީގުގައި އިއްތިހާދުން އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ ހަ މެޗުންނެވެ.

އިއްތިހާދުން ކޯޗަކު ހޯދަން މަސައްކަތް ކުރަމުންދާއިރު، އެ ކްލަބާ ހަވާލުވުން އެންމެ ގާތީ ކުރިން ރެއާލް މެޑްރިޑާއި ސްޕެއިން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން ލޮޕެޓެގީއެވެ. ލޮޕެޓެގީ މި ވަގުތު ހުރީ ޓީމެއްގެ ކޯޗުކަމެއްގައެއް ނޫނެވެ. އޭނާ އެންމެފަހުން ކޯޗުކަން ކޮށްދިނީ ޕްރިމިއާ ލީގުގެ ވުލްވްސްއަށެވެ. އެ ކްލަބާއެކު މިދިޔަ ސީޒަން ހޭދަކުރި ލޮޕެޓެގީ ވަނީ ރެލިގޭޝަނުން ޓީމު ސަލާމަތް ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ރެއާލުގައި ލޮޕެޓެގީއަށް ރަނގަޅު މަސައްކަތްތަކެއް ނުކުރެވުނު ނަމަވެސް، 2019 ވަނަ އަހަރުގެ ޖޫން މަހު ސެވިއްޔާއާ ހަވާލުވެ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލޮޕެޓެގީގެ ކޯޗުކަމުގައި ސެވިއްޔާއިން ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.