ޖަރުމަނުގެ ގައުމީ ޓީމަށް އެލުން އެނބުރި އައުމުގެ ފުރުސަތެއް މެސުޓް އޮޒިލް އަށް ދެން ނޯންނާނެ ކަމަށް އެޓީމުގެ ކޯޗު ޔޮކީމް ލޯވް ބުނެފިއެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕަށްފަހު އުމުރުން 29 އަހަރުގެ އޮޒިލް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ޖަރުމަނުގެ ފުޓްބޯޅަ އިދާރާގެ ބައެއް މެމްބަރުން ނަސްލީ ގޮތުން އޭނާއާ މެދު ތަފާތު ކުރުން ގެންގުޅޭތީ އާއި އެ އިދާރާއިން އޭނާއާ މެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ކަމަށް ބުނެއެވެ.

އޮޒިލް އަކީ ޖަރުމަނުގެ ގައުމީ ޓީމުގައި އަދިވެސް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކުޅުންތެރިއެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާއިރު ޖަރުމަނުގެ ކޯޗު ލޯވް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކުޅުންތެރިންނަށް ކުރިއަށް އޮތް ތަނުގައި ފުރުސަތު ނުދޭނެ ކަމަށާއި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ބަންދުކޮށްލީ އޮޒިލް އަމިއްލަ އަށް ކަމަށެވެ.

"އޮޒިލް އަމިއްލަ އަށް އެ އޮތީ ބުނެފަ ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާ ވާހަކަ. އޭނާ ދެކޭގޮތް އެ އޮތީ އަހަރުމެންނާ ހިއްސާކޮށްފަ. އެހެންވީމަ އަލުން އަނބުރާ އޮޒިލް ގެނައުމުގެ ވާހަކައަކީ މިހާރު ދައްކަންޖެހޭ ވާހަކައެއް ނޫން. އަހަންނަކަށް ނޭނގޭ އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަން ޖެހޭ ސަބަބެއް" ލޯވް ބުންޏެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާންކުރި ހިސާބުން ވެސް އޮޒިލްއާ ވާހަކަދައްކަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށްވެސް ލޯވް ބުންޏެވެ.

"ފާއިތުވި ދެ ހަފްތާގެ ތެރޭގައި އޮޒިލްއާ ވާހަކަދައްކަން ވަރަށް މަސައްކަތް ކޮށްފިން. އޭނާގެ ފޯނަށް މެސެޖު ވެސް ކުރިން. މިއަދާއި ހަމައަށް ވެސް އޮޒިލް އަހަންނަށް ގުޅާފައެއް ވެސް ނުވޭ. އޮޒިލް މިހާރު އެވަނީ އެހެން މަގެއް އިހުތިޔާރު ކޮށްފައި. އެކަން އަހަރެން ޖެހޭނެ ބަލައިގަންނަން" ލޯވް ބުންޏެވެ.

އޮޒިލްއާ އެކު ނުވަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށާއި އޭނާއާ އެކު ކުރި ތަޖުރިބާތަކާއި ހޯދި ކާމިޔާބީތައް އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށްވެސް ލޯވް ބުންޏެވެ.

އޮޒިލް ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ އެޓީމަށް 92 މެޗު ކުޅެދީ 23 ގޯލު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޮޒިލް ވަނީ 2014 ވަނަ އަހަރު ޖަރުމަނު ޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.