ޗެމްޕިއަންސް ލީގުގެ ގަދަ 16 އިގައި ރޭ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑު ބައްދަލުކުރި ދެ ވަނަ ލެގުގެ މެޗު ރެއާލް މެޑްރިޑުން 2-1ން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ގަދަ 8 ކަށް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރެއާލް މެޑްރިޑުން 3-1 ކާމިޔާބުކޮށްފައިވަނިކޮށް މި މެޗުން ވަނީ ދެ ޓީމުގެ ފަރާތުންވެސް ރީތި އެޓޭކިންގް ފުޓުބޯޅައެއް ފެނިގެންގޮސްފައެވެ. ޕީއެސްޖީގެ މައި ތަރި އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާރ ނުލައި ޕީއެސްޖީއިން މި މެޗަށް ނިކުތް އިރު އެޓީމުން ވަނީ މި މެޗުގައި ރީތި ކުޅުމެއް ދައްކުވައިދީފައެވެ.

ޕީއެސްޖީގެ ކިލިއަން އެމްބަޕޭ، އެންގެލް ޑި މަރިއާ، މާކޯ ވެރާޓީ، އެޑިންސަން ކަވާނީ އަދި އެޑްރިއަން ރެބިއޮޓް މި މެޗުގައި މޮޅު ކުޅުމެއް ދައްކުވައިދިން އިރު ރެއާލްއިން ވަނީ އެ ޓީމުގެ ޑިފެންސިވް ލައިންގެ ވަރުގަދަ ފެންވަރު ވަރަށް ރަނގަޅަށް މި މެޗުގައި ދައްކުވައިދީފައެވެ. ރަފައެލް ވަރާން އަދި ރާމޮސްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނުނުއިރު ރެއާލްގެ މެދުތެރެއިން ކަސެމީރޯ އަދި މަޓިއޯ ކޮވަސިޗް ވަނީ މޮޅު ކުޅުމެއް ދައްކުވައިދީފައެވެ. ރެއާލްއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އެޔަށްފަހު ޕީއެސްޖީއަށް އެޑިންސަން ކަވާނީ ނަތީޖާ ހަމަހަމަ ކޮށްދިންއިރު ރެއާލްގެ ފަހު ލަނޑު ކާމިޔާބުކުރީ ކަސެމީރޯއެވެ. މި މެޗުގައި ޕީއެސްޖީގެ މާކޯ ވެރާޓީއަށް ވަނީ ރަތް ކާޑެއްވެސް ދެއްކިފައެވެ.

ދެ ޓީމުންވެސް ފަހު ވަގުތާއި ޖެހެންދެން މޮޅު ކުޅުމެއް ދައްކުވައި އަނެއް ޓީމުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން ވަނީ ޕީއެސްޖީގެ މާކޯ ވެރާޓީއަށް ރެފްރީ ރަތް ކާޑު ދެއްކި ހިސާބުން މެޗު ނިމިގެންދިޔަކަމަށް ބުނެފައެވެ. ޕީއެސްޖީގެ އެންމެ ރަނގަޅަށް ކުޅެމުންދިޔަ އެއް ކުޅުންތެރިޔާ ދަނޑުން ފޮނުވާލެވުމާއިއެކު ޕީއެސްޖީގެ ހިތްވަރަށް ބޮޑު ލޮޅުމެއް އައިތަން ވަނީ މެޗު ތެރެއިންވެސް ފެނިގެންގޮސްފައެވެ. ރެއާލްއިން މި މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުން ވަނީ ޕީއެސްޖީގެ ގޯލަށްވެސް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލައިފައެވެ. ޕީއެސްޖީއިން ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ރެއާލްގެ ޑިފެންސިވް ކުޅުންތެރިންގެ ސަބަބުން ވަނީ ގޯލަށް މާ ގިނަ ހަމަލާ ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު