ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނުމުން ވޯލްޑްކަޕް ބަލަން މޮސްކޯއަށް ދަތުރު ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބޭރުގެ މީޑިޔާތަކުން ހާމަކުރާ ގޮތުގައި ރަޝިޔާގެ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ މީހެއް ގެންގޮސްފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ބަލާ ފާސްކުރި އިރު އޭނާ އަތުން އެފަދަ ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ. ފުލުހުން މިމީހާ ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ބޭރުގެ ބައެއް މީޑިޔާތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށްވަނީ ފެނިފައެވެ. މިމީހާއަކީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ.

ބޮމެއް ފެނުނު ކަމަށްބުނެ އެއަރޕޯޓް އެލާޓްއަށް އައި ކަމުގައިވީނަމަވެސް މިމީހާ ބަލާ ފާސްކުރުމުން ބޮމެއް ނުވަތަ އެޒާތުގެ އިތުުރު އެއްޗެއް ފެނިފައި ނުވާތީ އެއަރޕޯޓްގެ ފުލައިޓްތަކަށްވަނީ ބުރޫއަރާ ގޮތް ނުވެފައެވެ. މިމީހާއަތުގައި ބޮމެއް އޮތް ކަމަށް ބުނެފައިވަނީ އެއަރޕޯޓް ސެކުއިރިޓީ ގޭޓްއިން ނިކުތުމަށްފަހުގައެވެ.

ރަޝިޔާގެ 11 ސިޓީއެއްގައި ވޯލްޑްކަޕްގެ މެޗްތަށް ކުޅެމުންދާއިރު، ވޯލްޑްކަޕް ބެލުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ރަޝިޔާއަށްވަނީ ގޮސްފައެވެ. މިހާރު ވޯލްޑްކަޕްެ ގުރޫޕް ސްޓޭގް ނިމި ކުލެން ހަމަޖެހިފައިވަނީ ގަދަ 16 ގެ މެޗްތަކެވެ.

ކިޔުންތެރިންގެ ހިޔާލު