މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގައި، މުބާރާތުގައި މުޅިން އަލަށް ބައިވެރިވި، ސ. ހިތަދޫ ޓީމުން އދ. މާމިގިލި 2-1 ގެ ނަތީޖާއަކުން ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހިތަދޫ ޓީމުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައިވަނީ އަތޮޅު ޗެމްޕިއަން ކަމުގެ އިތުރުން ޒޯން ޗެމްޕިއަންކަން ހޯދުމަށްފަހުއެވެ. ތަފާތު މޮޅު ކުޅުމެއް މުބާރާތުގައި ދައްކަމުން އައި ހިތަދޫ އާއި ކުޅެފައިވާ މާމިގިލި އަކީ ޒޯން 4ގެ ރަނަރަޕް ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފައިވާ ޓީމެކެވެ.

މެޗު ފަށައިގެން ހިތަދޫގެ ޓީމުން މާމިގިލި ޓީމަށް ނުރައްކާތެރި ކުރި ނަމަވެސް، އޭގެއިން އެއްވެސް ހަމަލާއެއް ގޯލަކަށް އަމާޒުވެފައެއް ނުވެއެވެ. ހިތަދޫ ކުޅުންތެރިންގެ ކުޅުން ވަކި ވަގުތަކަށް ބެލުމަށްފަހު، މާމިގިލިން ވަނީ ގޭމުގެ ތެރެއަށް ވަންނަން މަސައްކަތް ކޮށްފައެވެ. އެގޮތުން ހިތަދޫ ޓީމަށް ބައެއް ހަމަލާތައް އުފެއްދި ނަމަވެސް، އެ ހަމަލާތައް ވަނީ ނާކާމިޔާބު ވެފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައިރު، ދެ ޓީމުން ވެސް ތަފާތު އެކި ގޮތްގޮތަށް ގޯލެއް ކާމިޔާބު ކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގައި ދެޓީމުން ވެސް ނުކުތީ ވަރުގަދަކޮށެވެ. ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ދެ ޓީމުން ވެސް ވަނީ ކުޅެފައެވެ. މެޗުގެ ވަކި ހިސާބަކުން ވާރޭގެ އަސަރު ކުރަން ފެށުމާއި އެކީ ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ ކުޅުމުގައި ދަތިތަކެއް ދިމާވެފައެވެ. އެއާއި އެކީ ދެޓީމުން ވެސް މަސައްކަތް ކުރީ ބޯޅަ ހިފަހައްޓައިގެން، ލިބޭ މަދު ފުރުސަތުތަކުގައި ގޯލެއް ކާމިޔާބު ކުރުމަށެވެ.

އޭގެ ނަތީޖާއަކަށްވީ މެޗުގެ 30 ވަނަ މިނެޓުގައި ހިތަދޫ ޓީމުން ގޯލެއް ކާމިޔާބު ކުރުމެވެ. މި ގޯލު ހިތަދޫގެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހަސަން ރާއިފް ހަސަން ތަނަވަސްކޮށްދިން ބޯޅައަކުން އެޓީމުގެ ޖޯޒީ ނަންބަރު 14 މުހައްމަދު ތިލްމީޒެވެ.

މެޗުގައި ހިތަދޫ ޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ކެޕްޓަން ހާޒިމް ފައުޒީއެވެ.

2-0ގެ ނަތީޖާއަކުން ހިތަދޫން ލީޑުގައި އޮވެގެން ކުޅެމުން ދިޔައިރު، މާމިގިލި ޓީމުން 5 ފައުލް ހަމަވެގެން ހިތަދޫއަށް ވަނީ ދުރު ޕެންލްޓީއެއް ވެސް ލިބިފައެވެ. ހިތަދޫ ޓީމުގެ އައިމަން ފޮނުވާލި މި ޕެނަލްޓީ، މާމިގިލި ޓީމުގެ ކެޕްޓަން ވަނީ ދިފާއު ކޮށްފައެވެ.

މާމިގިލި ޓީމުން މެޗުގައި ޖެހި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހިތަދޫ ޓީމުގެ ކުޅުންތެރިއަކު އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ފަހު ސިކުންތު ކޮޅުގައި މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 11 ނިޒާމުއެވެ.

މިނަތީޖާއާއި އެކީ ދެން ހިތަދޫން ކުއާޓާ ފައިނަލުގައި ބައްދަލު ކުރާނީ ވިލިމާލޭއާއި އެވެ.