މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޖެލެންޖުގެ ގަދަ 16 ގައި ވިލިމާލެ އަދި ދުވާފަރު ބައްދަލު ކުރި މެޗު ޕެނަލްޓީން 5-2 އިން ވިލިމާލެ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިފިއެވެ.

ދުވާފަރުން ގަދަ 16 އަށް ދަތުރު ކުރީ ޒޯން 2 ގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ވިލިމާލެ ދަތުރު ކުރީ ޒޯނު 8 ގެ ރަނަރަޕުންގެ ގޮތުގައެވެ.

މި މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ކުޅެމުން އައީ ވަރަށް އެޓޭކިވް ކުޅުމެކެވެ. ލިބޭ ގިނަ ބޯޅަތައް ކުރިއަށް ކުޅެ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ދެ ޓީމުގެ ތެރެއިން އެއްވެސް ޓީމަކަށް ފުރަތަމަ ހާފު ނިމުނުއިރު ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ވަނީ ގޯލު ޖަހާނެ ރަނުގެ ދެ ފުރުސަތެއް ހޯދާފައެވެ. ވިލިމާލޭގެ ހަމަލާ ދުވާފަރު ކީޕަރު ހިފެހެއްޓި އިރު ދުވާފަރުގެ ހަމަލާ ވަނީ ވިލިމާލޭގެ ކީޕަރުވެސް ދިފާއުކޮށްފައެވެ. މި ހާފުގައިވެސް ދެ ޓީމުންވެސް ވަނީ އެޓޭކިވް ކުޅުމެއް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފަހު ހާފަގެ 13 ވަނަ މިނެޓުގައި ވިލިމާލެއިން ވަނީ ގޯލަށް ވަރަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ދުވާފަރުގެ ފަހަތަށް ކުޅެމުން އައި އަޒޫމް ވަނީ ބޯޅަ ދިފާއު ކޮށްފައެވެ. ރީ ބައުންސް ވެގެން އައި ބޯޅަ ދެވަނަ ފަހަރަށްވެސް އަޒޫމް ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ވިލިމާލޭގެ ޝާކާ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މި ލަނޑަކީ ޝާކާ ހާފުގެ މެދު ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އައި ކުޅުންތެރިޔާ ބީޓުކޮށް ކީޕަރުގެ ދެފައި ދަށުން ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން ދުވާފަރުގެ ކެޕްޓަން ޝަންޓެ ވަނީ ދުވާފަރަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. މި ލަނޑަކީ މެދު ތެރެއިން ދުވާފަރުގެ މެސީ ޖައްސާލި ބޯޅައެއް އޭރިޔާ ތެރެއަށް ވަނުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުވެސް ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި ވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފައެވެ. ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ ވިލިމާލެއަށެވެ.

ވިލިމާލެއިން ޖެހި 4 ޕެނަލްޓީވެސް ކާމިޔާބު ކުރި އިރު ދުވާފަރުން ޖެހި 3 ޕެނަލްޓީން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

މި ނަތީޖާ އާއި އެކު ވިލިމާލެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އިރު ވިލިމާލެ ކުއާޓާގައި ބައްދަލު ކުރަން ޖެހޭނީ ސ. ހިތަދޫ އަދި މާމިގިލި ބައްދަލު ކުރި މެޗު 2-1 އިން ކާމިޔާބު ކުރި ހިތަދޫއާއެވެ. ހިތަދޫ އަދި ވިލިމާލެ ބައްދަލު ކުރާ މެޗު ކުޅޭނީ 1 މާޗު ވަނަ ދުވަހުގެ ރޭ 20:00 ގަ އެވެ.