ގޯލްޑެން ފުޓްސަލް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ބ.އޭދަފުށި އަދި މާފަންނު ބައްދަލު ކުރިމެޗު ޕެނަލްޓީ ޖަހައިގެން އޭދަފުށި ކާމިޔާބުކޮށް ކުއާޓަރ ފައިނަލް އިން ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމަށް ލިބުނު ކައުންޓަރ އެޓޭކެއްގައި އެ ޓީމަށް ފުރަތަމަ ގޯލެއްޖަހާ ލީޑު ނަގައިދިނީ ނިޝާންއެވެ. މުހައްމަދު ފާސިރު ގޯލު ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން އޭދަފުށި ޓީމަށް ލީޑު އިތުރުކޮށްދިނީ އަލީ ފާސިރު (ސެންޓ)ޭ އެވެ.

މާފަންނު ޓީމުގެ ޝުހެއިލް އަށް އޭދަފުށި ޓީމުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން އަރިމައްޗަށް ޖެހިލާ ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މާފަންނު ޓީމުން މެޗުގެ ފަރަގު ކުޑަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާ އަކުން އޭދަފުށި ކުރީގަ އޮވެގެންނެވެ.

ވާދަ ވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުވެސް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށިން ގޯލެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ގޯލު އޭދަފުށި ޓީމަށް ކާމިޔާބުކޮށްދިނީ އިޝާމްއެވެ.

ދެވަނަ ހާފު ފަށައިގެން ކުޅުން ރަނގަޅުކޮށް މާފަންނު ޓީމުން އިތުރު ގޯލެއް ޖަހާ މެޗުގެ ފަރަގު ކުޑަކުރިއެވެ. މި ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަ ގޯލުވެސް ކާމިޔާބުކޮށްދިން ޝުހެއިލްއެވެ.

ފަހުވަގުތު މާފަންނު ޓީމަށް ލިބުނު ދުރު ޕެނަލް އެއް ކާމިޔާބުކޮށްގެން އެ ޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދިނީ ޝިހެއިލް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަ ވިއިރު 3-3 ގެ ނަތީޖާ އެއްވަރު ވެފައިވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހާގެންނެވެ.

ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މާފަންނު ޓީމުންނެވެ. އެ ޓީމުގެ ރަފާއު ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސެންޓެ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށް އޭދަފުށިގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރިއެވެ. މާފަންނުގެ ދެވަނަ ޕެނަލްޓީ ޔޫޝައު ވަނީ ކާމިޔާބު ކޮށްފައެވެ. އޭދަފުށީގެ ދެވަނަ ފެނަލްޓީ ފޮނުވާލީ ފާސިރުއެވެ. އެ ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. މާފަންނު ޓީމުގެ ތިން ވަނަ ޕެނަލްޓީ ޝިފާޒް (ޑުންގާ) ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޭދަފުށީގެ ތިންވަނަ ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެެވެ. މި ޕެނަލްޓީ ފޮނުވާލީ އަޝްރަފް އެވެ. މާފަންނުގެ ހަތަރު ވަނަ ޕެނަލްޓީ ފޮނުވާލީ ފާރިޝްއެވެ. އެ ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފަހު ޕެނަލްޓީ އޭދަފުށިން ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ހައިޝަމްއެވެ.

އޭދަފުށިން ކުއާޓަރ ފައިނަލްގައި ނިކުންނާނީ ވަރުގަދަ ތިމަރަފުއްޓާ ދެކޮޅަށެވެ.