އޭއެފްސީގެ ވެބްސައިޓުގައި އެކުލަވާލި އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެއެވެ.

މި ވޯޓުން އަޝްފާގު ހޮވިފައިވަނީ އޮންލައިން ވޯޓުން ހޮވި ޑްރީމް ޓީމުގެ 3-4-3 ފޯމޭޝަނުގެ ތެރެއިން ފޯވާޑުންގެ ތެރޭގައި ހިމެނޭ ތިން މީހުންގެ ތެރެއިންނެވެ. ދަގަނޑޭއަށް ލިބުނީ ދެވަނައެވެ. ދެވަނަ މަޤާމާއެކު ދަގަނޑޭއަށް ވަނީ 28.35 އިންސައްތަ ވޯޓު ލިބިފައެވެ.

މޮޅު ފޯވާޑުން ހޮވުމަށް އޭއެފްސީން ވަނީ 13 ފޯވާޑުން ޝޯޓްލިސްޓުކޮށްފައެވެ. މީގެތެރޭގައި އަވައްޓެރި އިންޑިއާގެ ސުނިލް ޗެތުރީވެސް ހިމެނެއެވެ. އަދި އާސިއާން ސަރަހައްދާއި އަރަބި ހިސާބު ގައުމުތަކުން ވިދާލި ކުޅުންތެރިންވެސް ހިމެނެއެވެ.

އޭއެފްސީން އެކުލަވާލާ ޑްރީމް ޓީމުގެ ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީވެސް ހިމެނުނެވެ. ނަމަވެސް ލިބުނު ވޯޓުގެ އަދަދު މަދުވުމުން ފައިނަލް ޓީމަކަށް އޭނާ ނުހޮވެއެެވެ.

ދަގަނޑޭ ވަނީ އޭއެފްސީން ހުޅުވާލި އެންމެ ރީތި ގޯލު ހޮވުމަށް ބޭއްވި ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފައެވެ. އޭއެފްސީ ކަޕަކީ ދަގަނޑޭގެ ކެރިއަރުގައި ބޮޑުބައެއް ހިއްސާކޮށްފައިވާ މުބާރާތެކެވެ. އުމުރުން 18 އަހަރުގައި އޭއެފްސީ ކަޕުގައި ކުޅެން ފެށި ދަގަނޑޭ ވަނީ ކޮންމެ މުބާރާތެއްގައި ވެސް ބޮޑު ތަފާތުތަކެއް ދައްކާފައެވެ.

މިހާތަނަށް އޭއެފްސީ ކަޕުގައި 10 އަހަރު އޭނާ ފެނިފައިވެއެވެ. މީގެތެރޭގައި 2005 ވަނަ އަހަރު ނިއުރޭޑިއަަންޓް މުބާރާތުގެ ސެމީފައިނަލަށް ދިޔަ ފަހަރު ފާހަގަކޮށްލެވެއެވެ. އެފަހަރުގެ މުބާރާތުގައި ވެސް ދަގަނޑޭ ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ދަގަނޑޭ ހިމެނެނީ އޭއެފްސީ ކަޕުގެ އެންމެ ގިނަ ލަނޑުޖެހި ކުުޅުންތެރިންގެ ލިސްޓުން ހަތްވަނައިގައެވެ. އެއީ ޖުމްލަ 29 ލަނޑު އެ މުބާރާތުގައި ޖަހައިގެންނެވެ.

އޭއެފްސީ ކަޕުގައި ދަގަނޑޭ ކުޅުނު ކުލަބުތަކުގެ ތެރޭގައި ނިއުރޭޑިއަންޓާާއި ކުލަބު ވެލެންސިއާ އާއި، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކުލަބު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މަ ދެރަވަނީ ޔޫރަޕްގެ ލީގުތަކުގައި ކުޅުމުގެ ފުރުސަތު ދަގަނޑޭ ނަގާލީމާ! މިއަދު ދަގަޑޭ ހުންނަނީ އޭއެފްސީ ކަޕް ޑްރީމް ޓީމަކު ނޫން. އެއަށްވުރެ މާ ކުރީގައި. ދަގޭ ކިބާގައި އެފެންވަރު އެބަހުރި.