މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުން 8-0 ގެ ބޮޑު ތަފާތަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، ކްލަބް އީގަލްސް އެއްވަނަ އަށް ޖެހިލިއިރު، ޔުނައިޓެޑް ވިކްޓްރީ އަތުން 2-0 އިން ހޯދީ މޮޅާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވަނީ ތިންވަނަ އަށް ޖެހިލާފައެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އީގަލްސް އޮތީ ދެވަނައިގައި އޮތް މާޒިޔާ އެންޑް ސްޕޯޓްސް ރެކްރިއޭޝަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، ނުވަ މެޗުން ހޯދީ 23 ޕޮއިންޓާއެކު އެވެ. މާޒިޔާ ދެވަނައިގައި އޮތީ 8 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ސަސް އޮތީ 21 ޕޮއިންޓާއެކު އެވެ. ޓީސީ އަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފައެވެ. ބުރު ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ ނުވަ މެޗުން 12 ޕޮއިންޓެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސަސް އިން ޔޫވީ ކޮޅަށް ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ދެ ހާފުގައެވެ. އޭގެތެރެއިން، އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި ސަސްގެ ދެވަނަ ލަނޑުޖަހައިދިނީ އިބްރާހިމް އަތީގު ހަސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަސްގެ އަހުމަދު އައިހަމް އެވެ.

ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ހަތަރު ގޯލްޖެހިއެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑުގެ ތެރެއިން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ދެ ގޯލްޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ޒައިން ޒަފަރު އާއި އިސްމާއިލް އީސާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އީގަލްސްގެ ކެޕްޓަން ރިޒޭ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ.