6 ވަނަ އިންޓަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ކުޅުން އިއްޔެ ފަށައިފިއެވެ.

މި މަހުގެ 15 އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 10 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ދެ ޑިވިޝަން އެއްކޮށް 26 ޓީމެއް ވާދަކުރާނެ އެވެ. މުބާރާތުގެ ދެ ޑިވިޝަނުގައި ވެސް އަންހެން އަދި ފިރިހެން ބައިގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ކުޅުނު ދެވަނަ ޑިވިޝަނުގެ އަންހެން ބައިގެ މެޗުތަކަށް ބަލާއިރު، ސޮނީ އަތުން ޕެމާ މޮޅުވީ 6-5 އިންނެވެ. ދެވަނަ މެޗުގައި އެމްޕީއެލް ވަނީ 23-7 އިން ބީއެމްއެލް ބަލިކޮށްފައެވެ.

އިއްޔެގެ ތިންވަނަ މެޗުގައި ތައުލީމީ ގުޅުން ވަނީ ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބު އަތުން 34-1 އިން ބަލިކޮށްފައެވެ. މުބާރާތުގައި ރޭ ކުޅުނު ފަހު މެޗުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް އަތުން ވެމްކޯ މޮޅުވީ 24-5 އިންނެވެ.

މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގައި ހަތަރު ޓީމާއި، ފިރިހެން ބައިގައި ތިން ޓީމެއް ބައިވެރިވެފައިވެއެވެ. ދެވަނަ ޑިވިޝަނުގެ އަންހެން ބައިގައި 20 ޓީމެއް ވާދަކުރާއިރު، މި ޑިވިޝަނުގެ ފިރިހެން ބައިގައި ބައިވެރިވެފައިވަނީ ފަސް ޓީމެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 9 އާއި 10 ވަނަ ދުވަހު އެވެ.