މިހާރު ކުރިއަށްދާ ހަތްވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ފިރިހެނުންގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލްގައި ވެމްކޯ ބަލިކުރުމަށްފަހު އެމްޕީއެލް އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައުމީ ހޭންޑްބޯލް ގްރައުންޑްގައި ކުޅުނު ފައިނަލް މެޗުން އެމްޕީއެލް މޮޅުވީ 30-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އަހުމަދު ޝާނީޒް އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި، އެމްޕީއެލްގެ ފަސް ކުޅުންތެރިން ހިމެނުނުއިރު ދެން ހިމެނުނީ ވެމްކޯގެ ދެ ކުޅުންތެރިންނެވެ.

މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގައި ހަތަރު ޓީމާއި، ފިރިހެން ބައިގައި ތިން ޓީމެއް ބައިވެރިވެފައިވެއެވެ. ދެވަނަ ޑިވިޝަނުގެ އަންހެން ބައިގައި 21 ޓީމެއް ވާދަކުރިއިރު، މި ޑިވިޝަނުގެ ފިރިހެން ބައިގައި ބައިވެރިވެފައިވަނީ ފަސް ޓީމެވެ.

މުބާރާތުގެ އަންހެން ބައިގެ ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު ކުރިން ކުޅުމަށް ހަމަޖެހިފައި އޮތީ ރޭގަ އެވެ. އެހެންނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ މެޗު ވަނީ މިރެއަށް ފަސްކޮށްފައެވެ. ފައިނަލްގައި އެމްޕީއެލް ބައްދަލުކުރާނީ ވެމްކޯއާ އެވެ.