އޭޝިއަން ގޭމްސް: އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ އަށް މުބާރާތް ނިމިއްޖެ

19 ވަނަ އޭޝިއަން ގޭމްސްގައި ބީޗް ވޮލީބޯޅަ އިވެންޓްގައި ވާދަކުރި ރާއްޖޭގެ އެއްވަނަ ޕެއާ ކަމަށްވާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެ މުބާރާތުން ކަޓައިފިއެވެ.

ޗައިނާގެ ހަންގްޖޯގައި އަންނަ އޮކްޓޫބަރު މަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގައި ބީޗް ވޮލީބޯޅައިގައި ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ކެޓީ، މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވުމުންނެވެ.

ބީޗް ވޮލީބޯޅައިގައި އިއްޔެ ކުޅުނު މެޗުގައި ޗައިނާގެ އަބުދުހަލިކޭޖިއާންގ އާއި ވޫ ޖިއާޒިންގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ބަލިވީ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޗައިނާގެ ޕެއާ ކާމިޔާބުކުރީ 21-11، 21-12 އިންނެވެ.

މި އިވެންޓްގައި މިއަދު ކުޅުނު މެޗުން އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ވަނީ ފިލިޕީންސްގެ ގާސިއާ އާއި ބުއިޓްރާގޯގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ފިލިޕީންސްގެ ޕެއާ ގެންދިޔައީ، 21-11، 21-12 އިންނެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ނިސްބަތުން ވަރުގަދަ ޕެއާތަކެއް އަތުން ކުޑަކާއްޓޭ އާއި އެޑަމް ބަލިވެ، ކަޓައިގެންދިޔަނަމަވެސް މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ އެންމެ ފަހުން ކުޅެވުނު ކާވާ ބީޗް ވޮލީބޯލް ޓުއާގައި ރިހި މެޑަލް ހާސިލްކޮށްފައެވެ.