19 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ މުބާލް އައްޒާމް އިބްރާހިމް ވަނީ ފެތުމުގެ ގައުމީ ދެ ރެކޯޑެއް މުގުރާލައިފައެވެ.

ޗައިނާގެ ހަންގްޖޯގައި އޮކްޓޫބަރު މަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގެ ސްވިމިންގ އިވެންޓްގައި ވާދަކޮށް މުބާލް ވަނީ ފިރިހެނުންގެ ލޯންގ ކޯސް 200 މީޓަރު ފްރީސްޓައިލް އާއި 100 މީޓަރ ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑް މުގުރާލައިފައެވެ.

މި ފަހަރުގެ ގޭމްސްގައި ފިރިހެނުންގެ ފްރީސްޓައިލް 200 މީޓަރުގެ އިވެންޓް ދެ މިނެޓާއި 08.22 ސިކުންތުން ރޭސް ނިންމައިގެން މުބާލް ވަނީ ގައުމީ ރެކޯޑް މުގުރާލައިފައެވެ. މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް މުބާލް އެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ދެ މިނެޓާއި 09.06 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މުބާލް، ފިރިހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ 17 އަހަރުވީ ގައުމީ ރެކޯޑް މުގުރާލީ އެއް މިނެޓާއި 14.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ 2006 ވަނަ އަހަރު ބޭއްވުނު 10 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސްގައި ޙަސަން އަޝްރަފް އެވެ. އެއީ، އެއް މިނެޓާއި 16.33 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މިރާލް އައިން ލަތީފް ފަތަނީ. --ފޮޓޯ: ނައުޝަމް ވަހީދު / އެމްއޯސީ

މި ފަހަރުގެ ގޭމްސްގައި މުބާލްގެ އިތުރުން އަލީ އިމްޢާން އާއި މިރާލް އައިން ލަތީފް ވެސް ވަނީ ފެތުމުގެ ގައުމީ އިތުރު ރެކޯޑްތަކެއް މުގުރާލައިފައެވެ.

އިމްޢާން ވަނީ ލޯންގކޯސް ފިރިހެނުންގެ 100 މީޓަރ ބެކްސްޓްރޯކް އިވެންޓްގައި އެއް މިނެޓާއި 04.64 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑެއް މުގުރާލައިފައެވެ. ކުރީން މި ރެކޯޑް އޮތީ ވެސް އޭނާ އަތުގައެވެ. އެއީ، މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓާއި 04.98 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިރާލް ވަނީ ލޯންގކޯސް، އަންހެނުންގެ 200 މީޓަރ ބަޓަރފްލައި އިވެންޓުގައި ތިން މިނެޓާއި 04.45 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑެއް މުގުރާލައިފައެވެ. ކުރީން މި ރެކޯޑް އޮތީ ވެސް މިރާލް އަތުގައެވެ. އެއީ، އެއީ މިއަހަރު ޖަޕާނުގެ ފުކުއޯކާގައި ބޭއްވުނު 20 ވަނަ ވޯރލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތިން މިނެޓާއި 05.69 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.