ނަވާރަ ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހިމެނޭ މުޙައްމަދު މިންހާލް ޝާމިން، 100 މީޓަރު ދުވުމުގައި ވާދަކޮށް ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި ގައުމީ ޖޫނިއާ ރެކޯޑް އޭނާ މުގުރާލި ދެވަނަ ފަހަރެވެ، މީގެކުރީން، އޭނާ ވަނީ ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވެސް 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފައެވެ.

ޗައިނާގެ ހަންގްޖޯގައި އަންނަ އޮކްޓޫބަރު މަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގެ 100 މީޓަރު ދުވުމުގައި، މިންހާލް ރޭސް ނިންމީ 10.82 ސިކުންތެވެ. ތިންވަނަ ހީޓުގައި ވާދަކޮށް މިންހާލް ދިޔައީ ހަތްވަނަ އަށެވެ. މި ހީޓުގެ އެއްވަނަ ހޯދި މެލޭޝިއާގެ މުޙައްމަދު އަޒީމް ބިން މުޙައްމަދު ފަހުމީ ރޭސް ނިންމީ 10.28 ސިކުންތުންނެވެ.

ކުރީން މި ރެކޯޑް ހެދީ، މިދިޔަ އޮގަސްޓް މަހުގައި އައިއޯއައިޖީގެ 100 މީޓަރު ދުވުމުގައި ވާދަކޮށް 10.90 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަދު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ ފަސްވަނަ ހީޓުގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ރޭސް ނިންމީ ހަވަނައިގައެވެ. އޭނާގެ ޓައިމިންގ އަކީ 10.71 ސިކުންތެވެ. މި ހީޓުގެ އެއްވަނަ އަށް ދިޔައީ އިންޑޮނޭޝިއާގެ ލާލު މުޙައްމަދު ޒޮހްރީ އެވެ. އޭނާ ރޭސް ނިންމީ 10.22 ސިކުންތުންނެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި އެތުލެޓިކްސް ހިމެނޭ ގޮތަށް ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ސްވިމިން އަދި ޓޭބަލް ޓެނިސްއެވެ.