ރ. އަތޮޅަކީ ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އަތޮޅެވެ. އެ އަތޮޅުގެ ގިނަ ރަށްރަށަކީ އެރަށްތަކުގެ ރައްޔިތުން ހިތްހެޔޮކަމާއި ހުނަރުވެރިކަމަށް ނަން މަޝްހޫރު ރަށްރަށެވެ. އަދި ހުއިފިލަނޑާގެ މަސައްކަތާއި މަސްވެރިކަމާއި ވަޑާމުގެ މަސައްކަތްތަކަކީވެސް އެ އަތޮޅުގެ ރައްޔިތުން މަޝްހޫރުވެފައިވާ މަސައްކަތްތަކެވެ.

އެ އަތޮޅު މާކުރަތަކީ ވެސް އެފަދަ ހުނަރުވެރިން ތިބި ރަށެެކެވެ. 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ރަށު ތެރެ ބަލާލުމުން އެނގުނީ މިއީ ހިތްހެޔޮ ރަތްޔިތުންތަކެއް ދިރިއުޅޭ ތަފާތު އެކި ހުނަރުތަކުގެ ތަފާތު ފަންނުވެރިން ދިރިއުޅެމުން އަންނަ ރަށެއްކަމެވެ. ވިލާ ބޯކަމުން، އެ ވިލާ ފަނޑުވެ، ވިދާލާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށް ތިބި އެތަށް ތަރިންތަކެއްވާ ރަށެއް ކަމެވެ. މީގެ ތެރެއިން ވެސް ލޮލުގައި އަޅައިގަތީ ބޯ ވިލާތަކުގެ ތެރެއިން ގަދަކޮށް ވިދަމުން އަންނަ ތަރިއެކެވެ. އަތުނުވާ ވަރަށް ބާރަށް ދުވާ ފަސުހާ އަހުމަދެވެ.

ފަސުހާ އަހުމަދަކީ މިއަދު ގިނަ ބަޔަކަށް އައު ނަމަކަށް ނުވާނެއެވެ. އެ ނަމަކީ މިއަދު ދިވެހި އެތުލީޓުންގެ ތެރޭގައި ރަން އަކުރުން ފެވެމުން އަންނަ ނަމެކެވެ. މީގެ ކުރިން އެތުލީޓުން ހަދާފައިވާ ރެކޯޑުތައް މުގުރަމުން, ބޭރުގެ މުބާރާތް ތަކުގައި ރާއްޖެ ތަމްސީލު ކުރަމުން އަންނަ ހުނަރުވަރިއެކެވެ.

ހަސީނާ މަހުމޫދު އަދި އަހުމަދު އަލީ (މުންޑުބޭ) އަށް ލިބިފައި ހުރި ފަސުހާ އަކީ އެ އާއިލާއަށް ލިބިފައިވާ 10 ކުދިންގެ ތެރެއިން ހަގަށް ދެވަނަ ކުއްޖާއެވެ. ގުރޭޑު އެކަކުން ފެށިގެން ގުރޭޑު 10 އަކަށް ފަސުހާ ތައުލީމު ހާސިލުކޮށްފައިވަނީ ރ. މާކުރަތު ސުކޫލުގައެވެ. އެއަށް ފަހު މަތީ ތައުލީމު ހާސިލު ކުރުމަށް ފަސުހާ މާލެ އައިސް އަހުމަދިއްޔާ އިންޓަރނޭޝަނަލް ހައި ސުކޫލަށް ދިޔައެވެ.

ކަން ދިމާކުރި ގޮތުން ކޮވިޑާއި ދިމާވެ ސުކޫލުތައް ބަންދު ކުރެވުނެވެ. ސުކޫލުތައް ބަންދު ކުރުމުން ފަސުހާ އެނބުރި ދިޔައީ އަމިއްލަ ރަށަށެވެ. ރަށަށް އައިސް ދެން ދިޔައީ ހުޅުދުއްފާރު ސުކޫލަށެވެ. ހުޅުދުއްފާރު ސުކޫލުގައި ގުރޭޑު 11 ގެ ޓެސްޓު ހަދައި ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އަދި ޖެހިގެން އައި ސެމިސްޓަރ ގައި އެނބުރި އަހުމަދިއްޔާ އަށް ވަނެވެ. އޭލެވެލް އިމްތިހާނުން ފަސުހާ ކިޔެވި ހުރިހާ މާއްދާއަކުން ފާސްވެ ދަސްވެނިވިއެވެ.

އެންމެ ފުރަތަމަ ފަސުހާއަށް އެތްލެޓިކްސް މުބާރާތެއްގައި ބައިވެރި ވެވުނީ އިންޓަރ ސުކޫލް އެތުލެޓިކްސްގެ ޓޯނަމެންޓެއްގައި އަހުމަދިއްޔާ ސުކޫލުގެ ފަރާތުންނެވެ. އޭރު އަހުމަދިއްޔާގެ ކޯޗަކަށް ހުރީ ކޯޗު އަހުމަދު ރިޒާއެވެ. ފަސުހާ އެތުލެޓިކްސްގެ ތެރެއަށް ވަދެވިފައި ވަނީ ކޯޗު ފަސުހާ އާއި ދޭތެރޭ އޮތް ކޮންފިޑެންސަކާއި އުއްމީދެއްގެ ސަބަބުން ކަމަށް ފަސުހާ ދެކެއެވެ. މިހާރު ރާއްޖޭގެ ގައުމީ އެތުލެޓިކް ޓީމުގައި ހިމެނޭ ފަސުހާއަށް މި ހިސާބަށް އާދެވުނީ ރިޒާ ކޯޗު އަދި އޭނާއާއެކީ މަސައްކަތް ކުރާ އިއްބެ އޭރު ދިން ހިތްވަރެއްގެ ސަބަބުން ކަމަށް ފަސުހާ ބުނެއެވެ.

"ކެރިއަރެއް ގޮތަށް އެތުލެޓިކްސް އަސްލު ޗޫސް ކުރީ އަޅުގަނޑު މި ދާއިރާގައި ވަރަށް ކުރިއަރާނެ ކަމަށް ބުނެ ކޮންފިޑެންސް ދިން ރިޒާ ކޯޗު ސަބަބުން. ރިޒާ ކޯޗު އަދި އިއްބެ ސަރގެ ހިތްވަރާއިއެކު ގައުމީ އަދި އިންޓަރނޭޝަނަލް ވަނަތަކެއް ހާސިލް ކުރެވޭނެ ކަމަށް ގަބޫލު ކުރެވި މި ދާއިރާއަށް ވަދެވުނީ،" ފަސުހާ ބުންޏެވެ.

ދާދި ފަހުން ގައުމީ 800 މީތަރުގެ އަންހެން ރިކޯޑު އައު ކުރި ފަސުހާ ދެކޭ ގޮތުގައި އެތުލެޓިކްސްއިން ކުރި އަރާ ދިޔުމަށް މިހާރު ވަރަށް ފުރުސަތުތައް އެބައޮތެވެ. އެކި އުމުރު ފުރާތަކަށް ބަހާލައިގެން އެތުލެޓިކްސް މުބާރާތް ކުރިއަށް ގެންދާތީވެ، ހާއްސަކޮށް ޒުވާން ކުދިންނަށް މި ދާއިރާގައި ކުރިމަގު އޮތް ކަމަށް އޭނާ ގަބޫލުކުރެއެވެ. ހިތްވަރާއިއެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެކަމަށާއި ބޭނުން ވަނީ "އެފަރޓް" ކަމަށް ފަސުހާ ބުންޏެވެ.

ފަސުހާ ގަބޫލު ކުރާ ގޮތުގައި އޭނާއަށް އެހިސާބަށް އާދެވިފައި ހުރީ ޓީމުގެ އެހެން ކުދިންނާއި ކޯޗު ދިން ހިތްވަރުގެ ސަބަބުންނެވެ. ހާއްސަކޮށް އަބްދުاللة އިބުރާހިމް (އަބުޅޯ ކޯޗު) ދިން ތަމްރީނުތަކާއި ހިތްވަރެވެ. ފަސުހާ ދެކޭ ފޮތުގައި އޭނާ ފުރަތަމަ ގާއިމު ކުރި ރިކޯޑު ވެސް ގާއިމު ކުރުމުގައި މައިގަނޑު ރޯލެއް އަދާ ކޮށްފައިވަނީ އަބުޅޯ ކޯޗުއެވެ.

ފަސުހާ ވަނީ 800 މީޓަރުގެ ގައުމީ އަންހެން ރިކޯޑު ދެފަހަރަށް ހަދާފައެވެ. ފުރަތަމަ ފަހަރު 2 މިނެޓާއި 27 ސިކުންތުން ރިކޯޑު މުގުރާލި އިރު ދެވަނަ ފަހަރު އަމިއްލަ ރިކޯޑު ވަނީ 2 މިނެޓާއި 21 ސިކުންތުން އައު ކޮށްފައެވެ. މީގެ އިތުރުން އޭޝިޔަން ޗެމްޕިއަންޝިޕުގައި ފަސުހާ ވަނީ ރާއްޖެ ތަމްސީލުކޮށް ޗައިނާގައި ދުވެފައެވެ. މިފަހަރު ފަސުހާ ވަނީ އޭނާ ރާއްޖޭގައި ގާއިމު ކުރި ރިކޯޑު އަނެއްކާ ވެސް އާކޮށްފައެވެ. މިފަހަރު ފަސުހާ ރޭސް ނިންމީ 2 މިނެޓާއި 20 ސިކުންތުންނެވެ.

ފަސުހާ ވަނީ ގްރޭންޑް ޕްރިކްސް މުބާރާތުގައި އަނެއްކާ ވެސް 800 މީޓަރުގެ ރިކޯޑު އައުކޮށް އިތުރު ރިކޯޑެއް ވެސް މުގުރާލާފައެވެ. މިފަހަރު އޭނާ މުގުރާލީ 1500 މީޓަރުގެ ރިކޯޑެވެ.

މީގެ އިތުރުން މިއަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގައި ދެ މީޓް ރިކޯޑާއި ތިން ގޯލްޑް މެޑަލް ފަސުހާ ހޯދިއެވެ. އަދި އެއް ސިލްވާ މެޑަލް އާއި ބްރޯންޒް މެޑަލް ހޯދާ މުޅި މުބާރާތުވެ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑުވެސް ފަސުހާ ވަނީ ހޯދާފައެވެ.

ފަސުހާގެ ކެރިއަރުގައި އޭނާއަށް އެންމެ ފާހަގަކޮށްލެވޭ އެކްސްޕީރިއެންސެއް ލިބުނީ ޗައިނާގައި އޮތް އޭޝިޔަން ޗެމްޕިއަންޝިޕް ގައެވެ. އެފަހަރު އަމިއްލަ ރެކޯޑު އާކުރި ހަނދާނަކީ އޭނާއަށް އެންމެ ހަނދާނުން ފޮހެލަން އުނދަގޫވާނެ ހަނދާނެވެ.

ފިޓްނަސް މެއިންޓެއިން ކުރުމާއި ފިސިކަލީ އަބަދު ވެސް ފިޓްކޮށް ހުރެވުމަކީ އޭނާއަށް މިދާއިރާގައި ލިބޭ އެންމެ ބޮޑު ހިތް ހަމަޖެހުމެވެ.

ފަސުހާ ބުނެފައިވަނީ މި ދާއިރާއަށް ވަދެވުނީ ރިޒާ ކޯޗުގެ ސަބަބުން ކަމަށާއި ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ބާއްވަން ބޭނުންވަނީ އެ ނަން ކަމަށެވެ. ދެން އަބުޅޯ ކޯޗުއަށް ކަމަށެވެ. ކޯޗު އަބުޅޯއާ ދިމާ ނުވި ނަމަ މިހާރު ހާސިލުކުރެވިފައި ހުރި ރަން ވަނަތައް ހާސިލު ކުރެވުމަކީ ނާދިރު ކަމެއް ކަމުގައި ވެސް ފަސުހާ ގަބޫލުކުރެއެވެ.

މި ދާއިރާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ފަސުހާ ބުނެލަން ބޭނުންވަނީ އެކަޑަމީއަކާ ގުޅިގެން ނުވަތަ އަމިއްލައަށް މަސައްކަތް ކޮށްގެން ވެސް މިކަން ކުރެވޭނެ ކަމަށެވެ. މިކަމުގައި އެންމެ މުހިންމު ކަމަކީ ތިމާގެ ޑިސިޕްލިން މެއިންޓެއިން ކުރުމާއި ދުވުމަށް އޮންނަ ޝައުގުވެރިކަން ކަމަށް އޭނާ ބުންޏެވެ. ފަސުހާ ބުނީ ފުރަތަމަ ޓާގެޓެއް ކަނޑައަޅާ އެ ޓާގެޓަށް ވާސިލުވުމަށް މަސައްކަތްކޮށް އެކަން ހާސިލު ކުރުމަށް ހިތްވަރާއި އެކު މަސައްކަތް ކުރުމުން ކާމިޔާބު ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބޫ

    މި ލިޔުން އެއްކޮށް ކިޔާލި އިރުވެސް އޭނާނެ އަމިއްލަ ރެކޯޑު މުރުން ފިޔަވާ ލިބުނު ކާމިޔާބެއް ހޯދި ރަންވަނައެއް އެނގޭވަރެއް ނުވި

    16
    4
    • ކަކުނިބޯ

      ޢަމިއްލަ ރެކޯޑް މުގުރުމަކީ އެހެން މީހަކުނެތޭ އެރިކޯޑްއަށްވުރެމަތިންނެއް އަދި އޭނައޭ ކުރީގަވެސް އެރިކޯޑް ހެދިފައޮތީ ....ހީކުރަން އަބޫ އަށް އެގޭނެކަމަށް މިކަމުގެ މުހިންމުކަންވެސް

      2
      2
      • އަބޫ

        ތިކަން އެނގެޔޭ
        އެކަމަކު ކިތައް މުބާރާތުން ކިތައް މެޑެލި ލިބުނުހޭ؟
        ޜާއްޖޭން ބޭރުން ކޮން މެޑެލިތަކެއްތޯ ރޢްޖެއަށް ހޯދައިދިނީ؟
        މިސުވާލުތަކުގެ ޖަވާބުވެސް ލިބުނު ނަމައޭ މަ މިބުނަނީ
        ކަކުނިބޮލަށް ގެޓުވެްްޖެތަ؟