އޭއެފްސީ ކަޕްގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ލަނޑުޖަހާފައިވަނިކޮށް، އިންޑިއާގެ އޮޑިޝާ އެފްސީ އިން ފަހަތުންއަރައި ތިން ގޯލް ޖަހައި، މާޒިޔާ ބަލިކޮށްފިއެވެ.

މިއީ މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ބަލިވި ތިންވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. މޮޅުވީ ފުރަތަމަ މެޗުން އެކަންޏެވެ.

މި މެޗުން 3-2 އިން އޮޑިޝާ މޮޅުވުމާއެކު، މާޒިޔާ އަށް އޭއެފްސީ ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ އުއްމީދުތައް ފަނޑުވެއްޖެއެވެ. މާޒިޔާ އަށް އަނެއް ބުރަށް ދެވެން އޮތީ ބާކީ އޮތް ދެ މެޗުން މޮޅުވެ، އެ ގްރޫޕުގެ ބާކީ ހުރި މެޗުތަކުން ވަކި ގޮތަކަށް ނަތީޖާތައް ނިކުމެގެންނެވެ.

މި ނަތީޖާއާއެކު އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅެނީ މޯހަން ބަގާން ސުޕަ ޖަޔަންޓް އެވެ. ދެވަނައިގައި ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އޮޑިޝާ އޮތްއިރު، ބަޝުންދަރާ ކިންގްސް އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. އެންމެ ފުލުގައި މާޒިޔާ އޮތީ ތިން ޕޮއިންޓާއެކު އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި މާޒިޔާ އިން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު، ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ނާއިޒް (ދާދު) އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، އިބްރާހިމް އައިސަމް ދިން ބޯޅައަކުން ދާދު ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 26 ވަނަ މިނެޓުގައި މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑް ފުޅާކޮށްދިނީ ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އޮޑިޝާގެ ކުޅުންތެރިއަކު މާޒިޔާގެ ފޯވާޑް، ބަލަބަނޮވިޗަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

އޮޑިޝާ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޯޓަޑާ ފޯލް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އަހުމަދު ޖާހޫހް ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. އެ ޓީމުން މި ގޯލްޖެހީ މާޒިޔާގެ ޓޮމޯކީ ވަޑާގެ ބަދަލުގައ ހައިޝަމް ހަސަން އަރުވައި، ޑިފެންސްލައިނަށް ބަދަލެއް ގެނައި ދަނޑިވަޅުގައެވެ.

އަދި އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި އޮޑިޝާ އިން އެއްވަރުކުރީ މާޒިޔާގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވެގެން ބަދަލުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މިއީ އޮޑިޝާގެ ޖާހޫހް ފޮނުވާލި ހިލޭޖެހުމެއްގެ އެހީގައި ޑިއޭގޯ މޮރީސިއޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، އޮޑިޝާ މޮޅުވި ލަނޑުޖަހައިދިނީ ރޯއީ ކްރިޝްނާ އެވެ. މިއީ މާޒިޔާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމަށްފަހު، ކްރިޝްނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މުބާރާތުގައި މާޒިޔާ އަށް ދެން އޮތީ ބަޝުންދަރާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. އޮޑިޝާ ދެން ކުޅޭ މެޗުގައި ނިކުންނާނީ އެ ގައުމުގެ މޯހަން ބަގާންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު