މިހާރު ކުރިއަށްދާ އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް 0-1 އިން ބަލިކޮށް، މަސްއޮޑި ސްޕޯޓްސް ކުލަބުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.

މަސްއޮޑި އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ވަނީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ކުޑަހެންވޭރުގެ އިތުރުން ތިނެއްގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނިގެން މަސްއޮޑި ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން މަހިބަދޫ ބަލިކުރިއިރު، ދެވަނަ މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބް އަތުން މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ. އެއަށްފަހު، ދެން ކުޅުނު މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބު އަތުން މޮޅުވީ 6-0 އިންނެވެ.

ކުޑަހެންވޭރު ޔުނައިޓެޑާއި ދެކޮޅަށް މަސްއޮޑިން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސޮއެކޮމާރް

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 38 ވަނަ މިނެޓުގައި މަސްއޮޑި އަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފް އެވެ. މިއީ އެ ޓީމުގެ އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޝަރީފް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ކުޑަހެންވޭރުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި މަސްއޮޑި ޓީމުގެ ޑިފެންސްގައި ކުޅެމުން އަަންނަ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، މުޙައްމަދު ރަޝީދު (ހޮކޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ދިވެހި ފުޓްބޯޅައިގެ ގަދަބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނިކުންނާނީ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 15:50 ގައެވެ.