އިނގިރޭސި ވިލާތުގެ އާސެނަލް އަށް ކުޅެމުން އަންނަ ޖޯޖީނިއޯ އެ ޓީމާ އެކުގައި އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއޯ އާސެނަލްއާ އެކުގައި ސޮއިކުރީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އުމުރުން 32 އަހަރުގެ ޖޯޖީނިއޯ އާސެނަލްއާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗެލްސީންނެވެ.

އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ޖޯޖީނިއޯ ވަނީ މި ސީޒަންގައި އާސެނަލް އަށް 35 މެޗު ކުޅެދީ، އެއް ގޯލް ޖަހައިފައެވެ. ޖޯޖީނިއޯ ބުނީ އާސެނަލް އަށް ކުޅެން ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށާއި މި އާއިލާގައި ހިމެނުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

ޗެލްސީގައި ހަތަރު އަހަރާއި ބައި ހޭދަކުރުމަށް ފަހުގައި އާސެނަލްއާ ގުޅުނު ޖޯޖީނިއޯ ބުނި ގޮތުގައި އާސެނަލްގެ ކޯޗު މިކެލް އާޓެޓާއާ އެކުގައި އެ ޓީމު މިހާރު ދަތުރު ކުރަމުން އަންނަނީ ވަރަށް ހާއްސަ މިސްރާބަކާ ދިމާލަށް ކަމަށެވެ. އަދި އެ ޓީމުގައި ކުރަން ޖެހޭ މުހިންމު ކަންކަން އަދިވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"ޖޯޖީނިއޯއަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ޓީމަށް. ރޯލް މޮޑަލްއެއްގެ އިތުރުން ލީޑަޝިޕްގެ ހުނަރު ވަރަށް ރަނގަޅަށް ހުރޭ. އޭނާގެ ކުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތް ވަރަށް ތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން އޭނާ ކައިރީ ކުޅޭ ކުޅުންތެރިންނަށް އޭގެ ހެޔޮ އަސަރު ކުރޭ،" އާސެނަލްގެ ކޯޗު ބުންޏެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އަށް ކުރިއަށް އޮތީ މުހިންމު ދެ މެޗެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ އިރު، މެއި 19 ވަނަ ދުވަހު އެ ޓީމު ލީގުގެ ފަހު މެޗުގައި ނުކުންނާނީ އެވަޓަން އާ ދެކޮޅަށެވެ.

ލީގުގައި މިވަގުތު އާސެނަލް އޮތީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާ އެކުގައި ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 82 ޕޮއިންޓާއެކުގައި މެންޗެސްޓާ ސިޓީއެވެ. ލީގު ހޯދުމުގެ އަމިއްލަ ބާރު މިވަގުތު އޮތީ ސިޓީ އަތުގައެވެ.